ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާ އިން 10،112 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.

ހަލުވިކަމާއިއެކު ކޮވިޑްގެ އައު ވޭރިއަންޓްއެއް ފެތުރެމުންދާ އިންޑިއާގައި މި ވަގުތު 67،806 މީހުން އެ ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އިންޑިއާއިން ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް މަތިވަމުންދާއިރު، ހުކުރު ދުވަހަށް ވުރެ ހޮނިހިރުގައި އެ ގައުމުގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ދަށް ވެފައެވެ.

އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މިހާރު އިންޑިއާގައި 7.03 އިންސައްތައިގެ ރޭޓްއިން ދުވާލެއްގެ މައްޗަށް މީހުން ކޮވިޑަށް ފައްސިވަމުންދެއެވެ. އަދި ހަފްތާއެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ 5.43 ގައި ރެކޯޑް ކުރެވިފައެވެ.

އިންޑިއާގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަށް މީހަކު ކޮވިޑް ބަލީގައި މަރުވެފައިވާއިރު، މިހާރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 531،329 އަށް އަރާފައެވެ.

އަދި މި ބަލިން ރަނގަޅުވާ މީހުންގެ ރޭޓް އުޅެނީ 98.66 އިންސައްތައިގައި ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ އިތުރަށް، މި ބަލީގައި ބޮޑު ވަރު ވާ މީހުންގެ ރޭޓް ވަނީ 1.18 އިންސައްތައިގެ ގޮތުގައި ރެކޯޑް ކުރެވިފައެވެ.

ސިއްހަތާއި ބެހޭ ވުޒާރާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 220 ކްރޯޑްގެ ކޮވިޑް ވެކްސިންތައް ވަނީ ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު