ނިއުޒިލޭންޑް ކައިރީގައި އޮންނަ ކަރްމަޑެކް އައިލެންޑްސް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ނިއުޒިލޭންޑް ކައިރީގައި އޮންނަ ކަރްމަޑެކް އައިލެންޑްސް ސަރަހައްދަށް 7.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

އެމެރިކާގެ ސުނާމީ އިންޒާރުދޭ ސިސްޓަމް އިން ބުނީ، އެ ސަރަހައްދުގައި ސުނާމީގެ ނުރައްކާ އެބައޮތް ކަމަށެވެ.

ނިއުޒިލޭންޑްގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ނެމާ) އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ބިންހެލުމާއި ގުޅިގެން ސުނާމީގެ ނުރައްކާ އޮތް ކަމުގެ ރިޕޯޓްތަކާއި ގުޅިގެން، އެކަން ބަލަމުން އަންނަ ކަމަށެވެ.

"ކެރްމަޑެކް އައިލެންޑްސް ރީޖަން އަށް އައި ބިންހެލުމުގެ ސަބަބުން ނިއުޒިލޭންޑަށް އަސަރުކުރާނެ ފަދަ ސުނާމީއެއް އުފެދިފައިވޭތޯ ބަލަމުން މި ދަނީ އިނިޝިއަލް އެސެސްމަންޓް ނިމުނުހާ އަވަހަކަށް އަޕްޑޭޓެއް ދޭނަން".

ނެމާއިން ކުރި އެސެސްމަންޓަކަށް ފަހު ބުނީ ސުނާމީގެ ނުރައްކަލެއް ނެތް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ކެރްމަޑެކް އައިލެންޑްސް އަށް އައި ބިންހެލުމާ ގުޅިގެން ނިއުޒީލެންޑަށް ސުނާމީގެ ނުރައްކަލެއް ނެތް. މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ބިންހެލުމާއި ގުޅިގެން ނިއުޒިލޭންޑަށް ނުރައްކަލެއް ކުރިމަތިވާނެ ފަދަ ސުނާމީއެއް އަތުވެދާނެ ކަމަށް ނުބެލެވޭ،". ނެމާގެ ފަހުގެ މައުލޫމާތުގައި ވެއެވެ.