167 ފަސެންޖަރުންނާއެކު ނޭޕާލް އިން ދުބާއީއަށް ފުރި ފްލައި ދުބާއި އެފްޒެޑް 576 ގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ބޯޓުގައި ދޫންޏެއް ޖެހިގެންނެވެ.

ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާން ވިދާޅުވީ، އެ ދޫނި ޖެހިފައި ވަނީ ބޯޓުގެ އިންޖީނެއްގައި ކަމަށާއި، މިއާއެކު އީންޖީނުގައި އަލިފާން ރޯވި ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ބޯޓު ކަތަމަންޑޫ އެއާރޕޯޓުން ނައްޓާލަން އުޅެނިކޮށެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އާއްމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އެއާރޕޯޓުން ނައްޓާލިތަނުން ބޮއެންގ 737.800ގެ އެ ފްލައިޓްގައި ރޯވެ ދުން އަރަމުންދާތަނެވެ.

އާއްމުވެފައިވާ އެއް ވީޑިއޯއިން ފެނިގެން ދަނީ އެއް އިންޖީނުގައި އަލިފާން ރޯވެފައިވާ ތަނެވެ. އަނެއް ވީޑިއޯއިން ފެންނަނީ އަލިފާން ރޯވެފައިވާ އެ މަތިންދާބޯޓު މަތީގައި ހަރަކާތްތެރިވާ ތަނެވެ.

އަދި ފަހުން ޕައިލެޓް ވަނީ އެ މަތިންދާބޯޓު ކަތަމަންޑޫ އެއާރޕޯޓަށް ޖައްސާފައެވެ.

ފަހުން ފްލައި ދުބާއީން ބުނިގޮތުގައި، އެހާދިސާއަށް ފަހު ބޯޓު ވަނީ މެންދަމުގެ ވަގުތެއްގައި ދުބާއިއަށް ޖައްސާފައެވެ.

"އަޅުގަނޑުމެން ކްރޫން ސްޓޭންޑާޑް ޕްރޮސީޖަރއަށް ފޮލޯކޮށް ދަތުރު ފުރިހަމަ ކުރީ، އެ އިންޖީނުގައި އިތުރު މައްސަލައެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަމާއި އެކު".

އެ މަތިންދާބޯޓުގައި އިތުރު މައްސަލައެއް ހުރިތޯ އިންސްޕެޝަން ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.