އިނގިރޭސި ވިލާތުގެ ލަންޑަނުގައި ޓިކްޓޮކް ޕްރޭންކް ހެދުމަށް ހުއްދަ ނުހޯދައި ގޭގެއަށް ވަތް މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 18 އަހަރުގެ ބެކެރީ ބްރޯންޒް އޮގައްރޯ ނަމަކަށް ކިޔާ މީހަކު ލައިވް ޓިކްޓޮކަށް އެރުމަށްފަހު ހުއްދަ ނެތި ލަންޑަނުގެ ގިނަ ގެތަކަށް ވަނީ ވަދެފައެވެ. އެގެތަކަށް ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭކަން އެނގިހުރެ ހުއްދައަކާ ނުލައި އެ ގެތަކަށް ވަދެ ވަނީ ޓިކްޓޮކް ހަދާފައެވެ.

އެގައުމުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އިއްޔެގެ ވަގުތެއްގައި އޮގައްރޯ ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް "ކޮމިއުނިޓީ ޕްރޮޓެކްޝަން ނޯޓިސް" އާއި ޚިލާފުވެ ހުއްދަ ހޯދުމަކާއިނުލާ ލަންޑަނުގެ ގެތަކަށް ވަދެ ސަމާސާ ކުރި މައްސަލައިގައެވެ. ގެތަކަށް ވަދެ މީހުންނަށް އުނދަގޫކޮށް ގޭގައި ގެންގުޅޭ ޖަނަވާރުތައް ވަގަށް ނަގާ އެ އެއްޗިއްސަށް ގޯނާކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޮގައްރޯގެ އިތުރުން އޭނަގެ އެކުވެރިންތަކެއް މިކަމުގައި ބައިވެރިކޮށްފައިވެއެވެ.

މިމައްސަލައިގައި ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ. އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރުމަތްތެރިކޮށް ނުހިތާ އެގޮތަށް ގެތަކަށް ވަދެ މީހުންނަށް އުނދަގޫ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދަނީ ބުނަމުންނެވެ.

ލައިވް ޓިކްޓޮކެއް ކަމުން އެވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ވީޑިއޯ ބަލަމުން ގެންދިޔައެވެ. އަދި ޓިކްޓޮކް ލައިވްއަށް އެރި ފަރާތަށް ގިނަ މީހުން މަލާމާތްކުރިއެވެ.

މިހާރަކަށް އައިސް ޓިކްޓޮކް ލައިވްތަކަށް އަރާ ތިބެ ޗެލެންޖުތައް ފުރިހަމަ ކުރުމާއި މީހުންނަށް ފުރައްސާރަކުރުން މިވަނީ ގިނަވެފައެވެ. އެގޮތުން ޓިކްޓޮކް ޗެލެންޖު ފުރިހަމަ ކުރަން އުޅުމުގެތެރޭގައި ގިނަ ކުޑަކުދިންނަށްވެސް ވަނީ އަނިޔާ ލިބިފައެވެ. އަދި ބައެއް މީހުން ޓިކްޓޮކް ހެދުމުގެ ތެރޭ މަރުވެފައިވެސް އެބަހުއްޓެވެ.

ކަންމިހެން ހުރުމާއެކު ގިނަ ގައުމުތަކުންދަނީ ޓިކްޓޮކް މަނާކުރަމުންނެވެ. އެގޮތުން އެމެރިކާ, އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ގިނަ ގައުމުތަކުން ވަނީ ޓިކްޓޮކް މަނާކޮށްފައެވެ.