ކިމް ޖޮންގް އުންގެ ޑިކްޓޭޓަރޝިޕްގެ ދަށުން ވެރިކަމުންކުރަމުންދާ އުތުރު ކޮރެއާގައި 2 އަހަރުގެ ތުއްތު ކުއްޖަކު އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

މި ކުއްޖާއާއިއެކު ކުއްޖާގެ މައިންބަފައިން ވެސް ވަނީ 2009 ވަނަ އަހަރުގައި އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. މި 2އާއިލާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުނީ ކިމްގެ ސަރުކާރުން މަނާކޮށްފައިވާ ކަމެއް ކުރުމުންނެވެ. އެއީ ނަސާރާ ދީނަށް ނިސްބަތްވާ ބައިބަލް ފޮތް ގެންގުޅުމުގެ ކުށުގައިއެވެ.

އުތުރު ކޮރެއާގައި އެ ޤައުމުގެ ލީޑަރުންގެ ޕްރޮޕޮގެންޑާއާއި އެއްވަރަށް ދީން ނުވަތަ މަޛްހަބަށް ނިސްބަތްވާ އަޅުކަންތައް ފާޅުގައި ކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި ބައިބަލްއާއި އެ ނޫންވެސް ދީނަކަށް ނިސްބަތްވާ ފޮތެއް ގެންގުޅުމަކީ އެކި ވަރުގެ އަދަބުތައް ކަނޑައެޅިގެންދާ ކުށެކެވެ. ދީނީ ކަންތައްތަކުން އުތުރު ކޮރެއާގެ ރައްޔިތުން އެއްކިބާ ކުުރުމުގެ ބޭނުމުގައި އެ ދީނަށް އުޅޭ މީހުންނަކީ އިންސާނުންގެ ލޭ ބުއިން ފަދަ އަނިޔާވެރި އަމަލުތައް ހިންގާ ބައެއްގެ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ސިފަކޮށްފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ރިޕޯޓްތައް ދައްކާ ގޮތުގައި އުތުރު ކޮރެއާގައި 70،000 އަށް ވުރެ ގިނަ ނަޞާރާއިންނާއި އެހެނިހެން ދީންތައް ޤަބޫލުކުރާ އެތައް ބަޔަކަށް ވަނީ އަދަބުދީފައިއެވެ. މި އެންމެންނާއި ދޭތެރޭ ލާއިންސާނީ އެތަކެއް ޖަރީމާތައް ހިންގާފައިވާ ކަމުގައި އުތުރު ކޮރެއާއިން ސަލާމަތްވި 'ޑިފެކްޓަރސް' ހެކިދީފައިވެއެވެ. އަދި އެމީހުން ދިރިއުޅެންޖެހެނީވެސް އިންސާނުން ދިރިއުޅެވޭ ވަަރަށްވުރެ ދަށް ޙާލުގައި ކަމަށްވެސް އދ. އަށް ހުށަހެޅުނު ހެކިވެރިންގެ ހެކިބަހުގައި ބަޔާންކޮށްފައިވެއެވެ.

އަދި އެ އަމަލުތައް ހިންގާފައިވަނީ އުތުރު ކޮރެއާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީއިން ކަމުގައި އެމެރިކާއިން އާންމުކުރި ރިޕޯޓްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    އެމްރިކާ އަކީ އުތުރުކޮރެޔާގެ ވާހަކަ ދައްކަން ތާހިރު ގައުމެއްނޫން . ފަލަސްތީނު ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދިނުމުގައި އިސްރާއީލް ފަހަތުގަ އެމެރިކާ އޮވެ ހަތިޔާރު ފޯރުކޮށްދީހަދާފަ ހުންނަނީ އަދި މުސްލިމަގައުމުތަކަށް ދަތިކުރމަކީ އެމެރިކާގެ އަމާޒެއް.

    53
    4
  2. ބޯކިބާ

    ހުޅަނގުގެ ޕުރޮޕެގެންޑާ.

    42
    4