ލަންކާގައި ކުރިއަށް ދިޔަ ކައިވެނި ހަފްލާއެއް ތެރެއިން ހަވާ އަރުވަނިކޮށް މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ނިއުސްވަޔާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ތަމްބުޓެގަމާގެ ތެކަވައްޓާ ސަރަހައްދުގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

މިހާދިސާ ހިނގަން މެދުވެރިވި ގޮތެއް މީޑިއާއަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ހަވާ ނުވަތަ ބަޑި ބޭހުގެ ކަންކަމުގައި އުޅުނު މީހުން މީގެ ކުރިން ވެސް ލަންކާއިންނާއި އިންޑިއާ ފަދަ ގައުމުތަކުން މަރުވެފައިވެއެވެ. މިފަދަ ހާދިސާތައް އާންމު ގޮތެއްގައި ހިނގަނީ އެކަން ކުރުމުގެ ކުރިން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންކަން ގިނަ ރިޕޯޓްތަކުން ބުނެއެވެ.

ލަންކާއާއި އިންޑިއާގެ އިތުރުން ވެސް އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގައި ވެސް މިފަދަ ހާދިސާތަކުގައި މީގެ ކުރިން މީހުން ވަނީ މަރުވެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އާންމު ގޮތެއްގައި އެފަދަ ހާދިސާތަކުގައި މީހުން މަރުވެފައިވަނީ އެފަދަ ތަކެތި ރޯ ކުރަން އުޅުމުގެ ތެރޭގައި މީހުންގެ މޫނަށް ގޮވުމުގެ ސަބަބުންނެވެ.