މިނިވަން ދުވަހާއި ގުޅުވައިގެން ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލް ނިންމުން ފާހަގަ ކުރުމަށް މިރޭ ހަވާ އަރުވާނެކަން އިއުލާނު ކޮށްފިއެވެ.

މިނިވަން އުފާ ކާނިވަލް ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީ އާއި އަރބަންކޯ ގުޅިގެން ކުލަ ގަދަ ކާނިވަލް ކުރިއަށް ގެންދާއިރު، މިރޭ މިއީ ކާނިވަލްގެ އެންމެ ފަހު ދުވަހެވެ.

މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް ފަދަ ހަރަކާތްތައް ގެންދިޔައެވެ.

އާރބަންކޯއިން ބުނީ ކާނިވަލް ނިންމުމުގެ ހަރަކާތުގެ ތެރެއިން މިރޭ 9:00 ގައި ހަވާ އަރުވާނެ ކަމަށެވެ.

މީގެ ކުރިން މިނިވަން އުފާ ކާނިވަލް ފެށުމަށްވެސް ހަވާ އެރުވިއެވެ.

މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކޮށްފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ.