ބުދު ދީނުގެ ހަރަކާތެއް ކަމަށްވާ ފަލުން ގޮންގް، އެމެރިކާގެ ނިއުޔޯކް ސިޓީގައި ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ ގައުމުން ޗައިނާ ސަރުކާރުގެ ދެ އެޖެންޓުން ހައްޔަރުކޮށްފިއެވެ.

ފަލުން ގޮންގްއަކީ ޗައިނާގެ ރައްޔިތުން ހިންގަމުން އައި ޔޯގާ އާ ދާދި އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެކަމަކު، ޗައިނާގައި 1999 ވަނަ އަހަރުން ފެށިގެން އެ ހަރަކާތް އޮތީ މަނާކޮށްފައެވެ. އެ ހަރަކާތް ޗައިނާގައި މަނާ ކުރީ އެކަމުގައި އުޅޭ 10،000 މެމްބަރުން ބެއިޖިންގައި ހަމަހިމޭންކަމުގެ އިހްތިޖާޖެއް ކުރުމުންނެވެ.

އެމީހުންނަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތު ނުރުހޭ ބައެކެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖޯން ޗެން އަދި ލިންގް ފެންގް ނަމަކަށް ކިޔާ އެ ދެމީހުން ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެމީހުން ހައްޔަރު ކުރީ ނިއުޔޯކްގައި އެފަދަ ހަރަކާތެއް ހިންގަން ރޭވުމާއި ފުލުހުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައެވެ.

އުމުރުން 70 އަހަރުގެ ޗެން އަދި 43 އަހަރުގެ ފެންގްގެ މައްޗަށް ދައުވާ ކުރަނީ ބޭރުގެ ސަރުކާރެއްގެ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓާ ނުވެ ހަރަކާތްތެރިވުމާއި ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައެވެ. ޗެން އާއި ފެންގް ޗައިނާ އަށް އުފަންވި އިރު، ފެންގްއަކީ އެމެރިކާގައި ދާއިމީ ގޮތެއްގައި ދިރިއުޅުމުގެ ހުއްދަ ލިބިފައިވާ ފަރާތެކެވެ. އެމީހުން ދިރިއުޅެމުން ދިޔައީ ލޮސް އެންޖަލިސްގައެވެ.