ބަންގްލަދޭޝްއިން އިންޑިއާއަށް ޤަވާއިދާއި ޚިލާފަށް އެތެރެވި ބަންގްލަދޭޝް ރައްޔިތުންތަކެއް ކަމަށް ހީކޮށް އިންޑިއާގެ ޖަލަކަށްލި ވެސްޓް ބެންގާލް ސަރަހައްދަށް ނިސްބަތްވާ ދެމަފިރިއަކު 301 ދުވަސް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ފޮރިނަރސް އެކްޓްގެ ދަށުން މި ދެމަފިރިން ޖަލަށް ލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ބެންގަލޫރު ފުލުހުން ހައްޔަރު ކުރި މި ދެމަފިރިންނަކީ ޕަލާޝް އާއި ޝުކްލާ އާދިކާރީއެވެ. އެ ދެމީހުންވެސް ވަނީ، އެ މީހުންނަކީ އިންޑިއާ ރައްޔިތުންކަން ޔަގީންކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްގެ ބަހުރުވައާއި ދާދި އެއްގޮތްކޮށް ވާހަކަދައްކާ ވެސްޓް ބެންގާލްގެ ބުރްދްވާންއަށް ނިސްބަތްވާ މި ދެމަފިރިންނަކީ އިންޑިއާގެ ރައްޔިތުންނެވެ. އެއް އަހަރުގެ ތުއްތު ދަރިފުޅު ގޮވައިގެން އެ ދެ މީހުން އިންޑިއާގެ ބެންގަލޫރަށް ހިޖުރަ ކުރީ އާމްދަނީ ލިބޭ މަސައްކަތެއް ހޯދުމަށެވެ.

ޕަލާޝްއާއި ޝުކްލާ އާދިކާރީ ކަފާލާތުގެ ދަށުން ދޫކޮށްލުމުން އެ ދެމީހުން ވަނީ ބުރާސްފަތި ދުވަހުގައި އެނބުރި ގެއަށް ގޮސްފައެވެ.

ޕަލާޝްގެ ތިމާގެ މީހެއް މައުލޫމާތު ދިން ގޮތުގައި މި ދެމީހުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް 28 އޭޕްރީލްގައި ބެއިލް ލިބުނެވެ. އެހެން ނަމަވެސް، ކަފާލާތުގެ ދަށުން ދޫކުރުމަށްޓަކައި ބެއިލް ބޮންޑަށް ބޭނުންވާ ބިމުގެ ލިޔުމަށް ލޯކަލް ގެރެންޓަރއެއް ހަމަނުޖެހުމުގެ ސަބަބުން ކަފާލާތުގެ މަރުހަލާ ލަސްވެގެން ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.