އަރަބި ކަނޑުގައި އުފެދުނު "ބިޕާޖޯއި" ތޫފާން އިތުރަށް ބާރުގަދަވެ އުތުރާއި އިރުއުތުރު ފަރާތަށް ދަތުރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ބުނެފިއެވެ.

މި ތޫފާނަކި ރޭ 23:30 ހާއިރު އިރުމަތީ-މެދު އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނެކެެވެ.

އައިއެމްޑީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ތޫފާން އިތުރަށް ބާރުގަދަވެ އުތުރާއި އިރުއުތުރު ފަރާތަށް ދަތުރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މި ތޫފާނުގެ ސަަބަބުން ގަޑިއަކު 145 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭ ކަމަށް އައިއެމްޑީއިން ލަފާ ކޮށްފައިވާއިރު، މި ތޫފާނުގެ ސަބަބުން ކަރްނާޓަކާ، ގޯއާ އަދި މަހާރާޝްތުރާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ތޫފަނާއި ގުޅިގެން އަރަބި ކަނޑުގެ އައްސޭރިފަށުގައި އޮންނަ ގުޖުރާތުގެ ވަލްސާޑްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ޓިތަލް ބީޗް ސަރަހައްދަށް ރާޅު ވަރަށް ބޮޑަށް ގަދަވެ، ވައިގަދަވުމުގެ ސަބަބުން ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމައަށް ފަތުރުވެރިންނަށް ވަނީ ބަންދުކޮށްފައެވެ.

އައިއެމްޑީއިން ވަނީ ގުޖުރާތު، ކެރެލާ، ކަރްނާޓަކާ އަދި ލަކްޝަދީބުގެ އައްސޭރިފަށުގެ ކަނޑުތަކަށް މަސްވެރިން ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ ބަހަކީ ކޮބައިބާ؟ރާއްޖެފަހަނަޅައި ކެރެލާއަށް ފޯރާއިރު ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރަނީބާ؟ ނުކޮށްފިއްޔާ އަލްޙަމަދު ލިﷲ.