އިރާނުގައި ފެޝަން ބުރުގާ އަޅައިގެން އުޅެނިކޮށް ހައްޔަރު ކުރި ފަހުން ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި މަހުސާ އަމީނީގެ މަހާނައަށް ގެއްލުން ދީފިއެވެ.

މަހުސާ އަމީނީ މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މަހުސާ މަރުވީ އޭނާ ހައްޔަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޯމާއަކަށް ދިއުމަށް ފަހުގައެވެ.

މަހުސާގެ ބޭބެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މަހުސާގެ މަހާނައަށް ގެއްލުން ދިން ދެވަނަ ފަހަރު ކަމަށެވެ.

އެ ޕޯސްޓުން ފެންނަ ގޮތުގައި މަހުސާގެ މަހާނައިގައި ބިއްލޫރިން ހަދާފައި ހުރި ބައި ހުރީ ހަލާކުކޮށްލައިފައެވެ.

މަހުސާގެ ބޭބެ ބުނީ މަހުސާ މަރުވުމުން ވެސް ބަޔަކަށް އުނދަގޫވާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް މަހާނައަށް ގެއްލުން ދިނަސް އަލުން މަރާމާތު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

ނަމަވެސް އީރާނުގެ ސަރުކާރުން އެކަން ދޮގު ކުރެއެވެ. ސަރުކާރުން ބުނާ ގޮތުގައި މަހުސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މަހުސާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވާނެ ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މަހުސާގެ މަރާ ގުޅިގެން އިރާނުގައި މިއިން ޒަމާނަކުވެސް ނުދެކޭ ވަރުގެ މުޒާހަރާތަކެއް ކުރިއަށް ދިޔައެވެ. އަދި އެ މުޒާހަރާތަކާއެކު އިރާނުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ވެސް އޭރު އޮތެވެ.

މިިދިޔަ ސެޕްޓެމްބަރު މަހު ފެށި އެ މުޒާހާރާ ފަހުން ވަނީ މަޑުޖެހިފައެވެ.