އިޓަލީވިލާތުގެ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބަރްލުސްކޯނީ އަވަހާރަވެއްޖެއެވެ.

އެ ޤައުމުގައި ހިންގާ އެންމެ ބޮޑު މީޑިޔާ ކުންފުނީގެ ބާނީ އަދި ބިލިޔަނަރެއް ކަމުގައިވާ ބަރްލުސްކޯނީ އަވަހާރަވީ އިރު އުމުރުފުޅަކީ 86 އަހަރެވެ.

ބަރްލުސްކޯނީ އަވަހާރަވެފައިވަނީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް މިލާންގެ ސަން ރަފަޔަލް ހޮސްޕިޓަލުގައެވެ.

ބަރްލުސްކޯނީއަކީ އިޓަލީވިލާތުގައި ބޮޑުވަޒީރު ކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ އެއް ބޭފުޅާއެވެ. އޭނާ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން ގެންދަވަނީ ތަޢުޒިޔާ ދަންނަވަމުންނެވެ.

އޭނާ ވަނީ އިޓަލީގެ ބޮޑުވަޒީރުކަމުގެ ހަތަރު ދައުރު ފުރިހަމަ ކުރައްވާފައެވެ. އެއީ، 1994 އިން 1995 އަށް، އަދި 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް، އަދި 2005 އިން 2006 އަށް އަދި 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށެވެ. 2013 ވަނަ އަހަރު އޭނާގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ކުށް ސާބިތުވެ، ސިޔާސީ މަގާމަކަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުނެވެ.

ބަރްލުސްކޯނީއަކީ އިޓަލީވިލާތުގެ ތާރީޚު ބައްޓަން ކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރެއެވެ. 1980 ގެ އަހަރުތަކުގައި ސިޔާސީ ހަޔާތް ފެއްޓެވުމާއެކު އެމަނިކުފާނު ވަނީ އެގައުމުގައި މީޑިއާ ކުންފުންޏެއްވެސް އުފައްދަވާފައެވެ.

ބަރުލަސްކޯނީ އަވަހާރަވުމާއި ގުޅިގެން އިޓަލީވިލާތުގެ މިހާރުގެ ބޮޑުވަޒީރު މެލޯނީ ވެސް ވިދާޅުވީ ބަރުލަސްކޯނީ އަކީ އިޓަލީވިލާތުގެ ތާރީޚުދުއް އެންމެ ނުފޫޒުގަދަ އެއްލީޑަރު ކަމަށެވެ.

ބަރުލަސްކޯނީ އަވަހާރަވުމުން އިޓަލީވިލާތުން މިހާރު ވަނީ ބުދަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އިއުލާން ކޮށްފައެވެ.

ބަރުލަސްކޯނީ އިޓަލީވިލާތުގެ އެންމެ ނުފޫޒުގަދަ އެއްވިޔަފާރިވެރިޔާއަށް އަދި އޭގެފަހުން އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރަށް ވެވަވަޑައިގެންނެވި ނަމަވެސް އޭނާގެ މަސައްކަތްތައް ފަށައިގަތީ ވަރަށް އާދައިގެ ގޮތަކަށެވެ. 1936 ވަނަ އަހަރު މިލާނަށް އުފަންވެވަޑައިގެންނެވި ބަރުލަސްކޯނީގެ އެންމެ ފުރަތަމަ ވިޔަފާރިއަކީ ވެކިއުމް ކްލީނާ ވިއްކުމެވެ. އޭގެފަހުން އޭނާ ކޮންސްޓްރަކްޝަން ކުންފުންޏެއް އުފައްދައިގެން ވިޔަފާރި އިތުރަށް ފުޅާކުރިއެވެ.

ވިޔަފާރީގައި ބަރުލެސްކޯނީ ހޯދި ކާމިޔާބީތަކަށް ބަލާއިރު އެންމެ ބޮޑު އެއްކާމިޔާބަކީ 1986 ވަނަ އަހަރު ބަނގުރޫޓްވުމުގެ މަގުމަތީގައި އޮތް އޭސީ މިލާނާއި ހަވާލުވެ އެޓީމް ވަރުގަދަކޮށް ބައިނަލްއަޤުވާމީ ގޮތުން ވެސް ފާހަގަ ކުރެވޭ ވަރުގަދަ ކްލަބަކަށް އޭސީ މިލާން ބަދަލު ކޮށްލުމެވެ.