ވެނެޒުއޭލާގެ އުތުރު ސަރަހައްދުތަކަށް 7.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ.

ވެނެޒުއޭލާ ގަޑިން ހަވީރު 17:31 ގައި ބިންހެލުން އައީ ކަރުޕާނޯ ސިޓީ އަށެވެ. ބިމުގެ 123 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 7.3 މެގްނެޑިއުޑްގައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ނަމަވެސް ކޮލަމްބިއަން ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައީ 7.0 މެގްނެޓިއުޑްގެ ބާރުމިނުގައި ކަމަށެވެ.

ބިންހެލުމުގެ ލޮޅުން ބިންހެލުން އައި ސަރަހައްދަށް ވުރެ 600 ކިލޯމީޓަރު ދުރަށް ވެސް ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުން އައީ ބިންހެލުން އައި ސަރަހައްދުގައި ބޮޑު ސިޔާސީ އެއްވުމެއް ވެސް ބާއްވަމުން ދަނިކޮށެވެ.

ވެނެޒުއޭލާގެ ދައުލަތުގެ މީޑިއާ އިން ބުނީ ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓުނު ކަމުގެ ރިޕޯޓް ލިބިފައި ވީނަމަވެސް ބިންހެލުމުގެ ސަބަބުން މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ވެނެޒުއޭލާގެ ދާހިލީ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް ހަމަޖެހިގެން ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ބިންހެލުން އިހްސާސް ކުރެވުނު މީހުން މީޑީއާ އަށް މައުލޫމާތު ދެމުން ބުނީ އެމީހުންނަށް އަދި މިހައި ބާރުގަދަ ބިންހެލުމެއް މީގެ ކުރިން އިހްސާސް ކުރެވިފައެއް ނުވެއެވެ.

ބިންހެލުން އައުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އިމާރާތްތައް ދޫކޮށް މަގުމައްޗަށް ނިކުމެފައެވެ. ގިނަ މީހުން ރޭ ނިދާފައި ވަނީ ވެސް މަގުމަތީގައެވެ. އެއީ އިތުރު ލޮޅުމެއް އަތުވެދާނެ ކަމަށް ލަފާކުރެވިފައި ވާތީއެވެ.