އެމެރިކާގެ ކުރީގެ ޓީވީ ތަރި ބިލް ކޮސްބީއާ ދެކޮޅަށް ޖިންސީ ގޯނާގެ މައްސަލަތަކެއް ހުށަހަޅައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނުވަ އަންހެނަކު ވަނީ 1979 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާ ދެމެދު ކޮސްބީ މަސްތުވާތަކެތި ބޭނުންކޮށް އަނިޔާކުރި ކަމަށް ބުނެ އެމެރިކާގެ ނެވާޑާގެ ޑިސްޓްރިކްޓް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ނެވާޑާގެ ގަވަރުނަރު ޖޯ ލޮމްބާޑޯ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް ކަނޑައެޅިފައިވާ ބައެއް ގާނޫނުތައް އުވާލުމަށް މުޅި ގައުމުގައި ކުރިއަށް ގެންދާ ޓްރެންޑްގެ ދަށުން ޖަސްޓިސް ފޯ ވިކްޓިމްސް އޮފް ކްރައިމް އިންޓު ލޯގެ ނަމުގައި ބިލެއްގައި ސޮއިކުރައްވައިފައެވެ.

"އެތައް އަހަރެއް ވަންދެން ޖިންސީ ގޯނާގެ ޝިކާރައަކަށްވެ ސަލާމަތްވި މީހުންގެ ހައްގުގައި އަހަރެން ހަނގުރާމަ ކުރަމުން އަންނަ އިރު، މިއަދަކީ އަމިއްލަ ނަފްސަށްޓަކައި ހަނގުރާމަ ކުރެވޭނެ ފުރަތަމަ ފަހަރު،" ޖިންސީ އަނިޔާގެ މައްސަލަތަކުގައި ވަކާލާތުކުރައްވާ ކުރީގެ މޮޑެލް ލިޒް-ލޮއްޓޭ ލުބްލިން ވިދާޅުވިއެވެ.

ލުބްލިން އޭނާގެ ވަކީލުން މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ވަނީ ޖޫން މަހުގެ 2 ވަނަ ދުވަހު ގާނޫނު ފާސްވުމާ ގުޅިގެން އުފާފާޅުކުރައްވާފައެވެ.

"އާ ގާނޫނަށް ގެނައި ބަދަލާ އެކު އަޅުގަނޑަށް މިހާރު ވަނީ ހަމަލާ ދިން ބިލް ކޮސްބީ ކޯޓަށް ގެންދިއުމުގެ ގާބިލުކަން ލިބިފައި. އަޅުގަނޑުގެ ދަތުރު ފެށުނީ،" އޭނާ ވިދާޅުވިއެވެ.

ލުބްލިން ވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅު ލަސް ވެގަސްގައި ކޮސްބީއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައެވެ. ނަމަވެސް އޭނާގެ މައްސަލަ ކުރިއަށް ނުގެންދެވުނީ ލިމިޓޭޝަންސްގެ ގާނޫނުގެ މުއްދަތު ހަމަވެފައިވާތީއެވެ.

ކޮސްބީގެ މައްޗަށް 60 އަށް ވުރެ ގިނަ އަންހެނުން ވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުމާއި ރޭޕްކުރުމުގެ ތުހުމަތު ކޮށްފައެވެ. ބުރާސްފަތި ދުވަހު ހުށަހެޅި ނުވަ އަންހެނުންގެ ތެރެއިން އެކަކު ތުހުމަތު ކުރާ ގޮތުގައި ކޮސްބީ މަސްތުވާތަކެތި ބޭނުންކޮށްގެން ނެވާޑާ ހޮޓަލުގެ ކޮޓަރިއެއްގައި އޭނާ ރޭޕް ކުރިއެވެ.