އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އެންމެ ބޮޑަށް ހިތްވަރުދީ، އަދި ގާނޫނީ ގޮތުން ވެސް އެފަދަ ފާހިޝް ކަންކަން ހުއްދަ ކޮށްފައި އޮތް އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ދިދަ ބޭނުން ކުރުން މަނާކުރި ފުރަތަމަ ސިޓީއަކަށް މިޝިގަންގެ ހެމްޓްރަމެކް ވެއްޖެއެވެ.

ފަހަކަށް އައިސް އެމެރިކާގެ ބައެއް ސިޓީތަކާއި ސްޓޭޓްތަކުގައި އަންނަނީ އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅު އަޑުތައް ގަދަވަމުންނެވެ. ހާއްސަކޮށް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދީ ސަރުކާރުތަކުން އަންނަނީ އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅު ފިޔަވަޅުތައް އަޅަމުންނެވެ.

ހެމްޓްރަމެކްގެ ލޯކަލް ކައުންސިލުން މިހާރު ނިންމާފައި ވަނީ އެސިޓީގެ ދައުލަތުގެ އެއްވެސް އިމާރާތަކާއި އާއްމު ހިދުމަތްދޭ އެއްވެސް ތަނެއްގައި އެއްޖިންސުން ގުޅުން ހިންގާ މީހުން އެމީހުންގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ވިއްސާރަދުނީގެ ކުލަތައް ހިމެނޭ ދިދަތައް ބޭނުން ކުރުން މަނާ ކުރުމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ދިދަ ބޭނުން ކުރުން މަނާ ކުރަން ހުށަހެޅީ ކައުންސިލްގައި ހިމެނޭ މުސްލިމެއް ކަމަށްވާ މުހައްމަދު ހަސަން އެވެ. މުހައްމަދު ހަސަން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެދިދައިގެ ސަބަބުން ދެކޮޅު ވެރިކަމާއި ނަސްލީ ތަފާތު ކުރުންތައް އުފެދޭ ކަމަށެވެ. މުހައްމަދު ހަސަންގެ އެހުށަހެޅުމަށް ކައުންސިލް މެންބަރުންގެ އަޣުލަބިއްޔަތު ލިބުނެވެ.

ހެމްޓްރަމެކް އަކީ އެމެރިކާގެ ސިޓީތަކުގެ ތެރެއިން ތަފާތު ނަސްލުތަކާއި ތަފާތު ދީންތަކުގެ މީހުން އެންމެ ގިނަ އެއް ސިޓީއެވެ.

ހެމްޓްރަމެކްގެ ސަރައްދީ ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން އެއްޖިންސުން ގުޅުން ހިންގާ މީހުން އަންނަނީ ފާޑުކިޔަމުންނެވެ. ނަމަވެސް ސަރައްދީ ސަރުކާރުން ބުނާ ގޮތުގައި މިނިންމުމުގެ ސަބަބުން ހަމަޖެހުން ގާއިމުވެ، ދެކޮޅުވެރި ހިޔާލުތައް އުފެދުން ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން މިއީ ވަރަށް މުހިއްމު ނިންމުމެއް ކަމަށް ކައުންސިލުން ބުނެއެވެ.

އެމެރިކާގައި މިހާރު އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅު ހިޔާލުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެމެރިކާ ސަރުކާރުގެ ނިންމުން ބަދަލުކޮށް އެއްޖިންސުން ކައިވެނި ކުރުން މަނާ ކުރާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ދިވެހިރާއްޖޭގައި ތިކަން ކުރަނީ ޕްރޮމޯޓް!!