އެމެރިކާއިން އަފްޣާނިސްތާނުން ފޭބި ދުވަސް ގައުމީ ބަންދު ދުވަހަކަށް ހަދައިފިއެވެ.

ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

އެއީ އަފްޣާނިސްތާނުގައި ހުރި އެމެރިކާ ސިފައިންގެ އެންމެ ފަހު މީހާ ކްރިސް ޑޮނަހުވޭ އަފްޣާނިސްތާނުން ފޭބި ދުވަސްވެސް މެއެވެ.

މިދިޔަ އަހަރުވެސް ތަލިބާނުން ވަނީ އެ ދުވަސް ފާހަގަ ކޮށްފައެވެ. ނަމަވެސް ރަސްމީކޮށް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ މި ފަހުންނެވެ.

ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށް ފަހު އަލްގައިދާގެ ދުވަސް ދުއްވާލަން ކަމަށް ބުނެ އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތީ 2001 ވަނަ އަހަރުއެވެ. ނަމަވެސް ބޮޑެތި ސިޓީތައް އެމެރިކާގެ ބާރުގެ ދަށުގައި އޮތް ނަމަވެސް ރަށްފުށުގެ ބޮޑު ބައެއް ތަލިބާނުން ދިޔައި ކޮންޓްރޯލް ކުރަމުންނެވެ.

އަދި ފަހުން އެ ހަނގުރާމަ ކޮޅެއްގެ ނުޖެހި ކާމިޔާބެއް ނުލިބި 2021 ވަނަ އަހަރު އެމެރިކާއިން ވަނީ ކުއްލި ގޮތަކަށް އަފްޣާނިސްތާނުން ފައިބައިފައެވެ.

އަފްޣާނިސްތާނުން ކުއްލިއަކަށް އެމެރިކާއިން ފޭބިއިރު، އެމެރިކާއަށް މަދަދު ދިން ގިނަ ބަޔަކު ވެސް އެމެރިކާއަށް ގެންދިއުމަށް އެ މީހުން އެއާޕޯޓްގައި ތިބެ ދިޔައީ އާދޭސް ވެސް ކުރަމުންނެވެ.

ނަމަވެސް އެމެރިކާއިން އަފްޣާނިސްތާނުން ފޭބީ އެ މީހުން ބައިތިއްބައިފައެވެ.

އަފްޣާނިސްތާނުން އެމެރިކާއިން ފޭބިއިރު އެ ހަނގުރާމައަށް އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ހޭދަކުރިއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނިކުތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ.