އެމެރިކާގެ ރައީސް, ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަން ޓެކްސްގެ ދެ ކުށަކަށް އިއުތިރާފުވެ، ފެޑެރަލް ޕްރޮސެކިއުޓަރުންނާ އެކު ނުގަވާއިދުން ބަޑި ގެންގުޅުމުގެ ދައުވާއެއް ހައްލު ކުރުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި މައްސަލަތަކަށް ރިއާޔަތްކޮށް ބުނެފިއެވެ.

ދައުވާއަށް އިއުތިރާފުވުމުގެ އެއްބަސްވުމުގެ ތެރެއިން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރަށް ވަގުތުން ޓެކްސް ނުދެއްކުމުގެ ދެ ދައުވާއަށް ޕްރޮބޭޝަންގެ ހުކުމެއް އިއްވަން ލަފާދިނުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހަންޓާ ބައިޑަން އަށް 2017 ވަނަ އަހަރަށް ފެޑެރަލް ޓެކްސްގެ ގޮތުގައި މަދުވެގެން 100،000 ޑޮލަރު، އަދި 2018 ވަނަ އަހަރު މަދުވެގެން 100،000 ޑޮލަރު ދައްކަން ޖެހުނު ނަމަވެސް މުއްދަތު ހަމަވިއިރު އިންޓާނަލް ރެވެނިއު ސާވިސްއަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.
އެހެންކަމުން، މިކަމާއި ގުޅުންހުރި އެއްވެސް ހުކުމަކާ މެދު އެންމެ ފަހު ބަސް ބުނާނީ އެކަމަށް ޚާއްސަ ފަނޑިޔާރެކެވެ.
2024 ވަނަ އަހަރުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އޭނާގެ ބައްޕަ ޖޯ ބައިޑަންގެ ކެމްޕޭނަށް މި ކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތައް އަންދާޒާ ކުރެއެވެ.
ހަންޓާ ބައިޑަންގެ ވަކީލު ކްރިސްޓޮފަރ ކްލާކް ނެރުނު ބަޔާނެއްގައި ވިދާޅުވީ ފެޑެރަލް ޕްރޮސެކިއުޓަރުންނާ އެކު މި އެއްބަސްވުމުން ރައީސް ބައިޑަންގެ ދަރިކަލުންގެ މައްސަލައިގައި ޖަސްޓިސް ޑިޕާޓްމަންޓުން ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ޖިނާއީ ތަހުގީގު "ހައްލު" ކުރެވޭނެ ކަމަށެވެ.