މިސްރުގެ އެލެގްޒެންޑްރާ ނުވަތަ އިސްކަންދަރިއްޔާގައި 14 ބުރީގެ އިމާރާތެއް ވެއްޓި ފަސް މީހުން މަރުވެއްޖެ އެވެ.

އިމާރާތް ވެއްޓުމާ ގުޅިގެން ގިނަ ބަޔަކު ތާށިވި އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 13 އަހަރުގެ ފިިރިހެން ކުއްޖަކު ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ހަ މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިގެން ވެސް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

މީގެ 50 އަހަރު ކުރިން ބިނާކޮށްފައިވާ އެ އިމާރާތުގައި 16 އާއިލާ ދިރިއުޅުމުން ދިޔަކަމަަށް ވެއެވެ. އޭގެ ތެރޭގައި އީދަށް އެ އިމާރާތް ކުއްޔަށް ނަގައިގެން އުޅުނު ފަރާތްތަކެއް ވެސް ހިމެނެ އެވެ.

އެ ހާދިސާގައި ސަލާމަތްވި މީހަކު ބުނީ އިމާރާތް ވެއްޓެމުން ދިޔައިރު އޭނާގެ އެއްބަނޑު އެއްބަފާ ކުދިންތައް ސޯފާގެ ދަށަށް ވެއްދި ކަމަށެވެ.

މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން ހާމަވާ ގޮތުގައި އިމާރާތް ވެއްޓެން ދިމާވީ 14 ވަނަ ބުރީގައި ގަވައިދާ ހިލާފަށް އިމާރާތްކުރުމުގެ ސަބަބުން ނެވެ.

"14 ވަނަ ބުރީގައި ހެދި ތަން ތަޅާލަން ވެސް އޮތީ އަންގާފައި" އެލެގްޒެންޑްރިއާގެ ގަވަރުނަރު މުހައްމަދު ތާހިރު އަލް ޝަރީފް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ވަނީ ކޮންޓްރެކްޓަރު ހައްޔަރުކޮށްފަ އެވެ. އަދި އެ އިމާރާތުގެ ވެރިމީހާ ހައްޔަރުކުރަން ވެސް ވަނީ އަމުރު ނެރަފަ އެވެ.

އެލެކްޒެންޑްރާގައި 7000 އެއްހާ ދުވަސްވީ އިމާރާތްތައް ހުންނަ ކަމަށާއި އެ ތަންތަން ވެސް ވެއްޓުުމުގެ ބިރު އެބަ އޮތްކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެލެކްޒެންޑްރާއަކީ މިސްރުގެ މީހުން ޗުއްޓީ ހޭދަކޮށްލަން ވަރަށް އާންމުކޮށް ގޮސް އުޅޭ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    މީގެ ވިހި އަހަރު ފަހުން ހިޔާ ފުލެޓުތައް ވެސް ބޮލަށް ވެއްޓޭނެ. އެއީ ހިޔާގެ ކޮންކްރީޓްތައް ތަޅައި ދަގަނޑުގައި ދަބަރުޖަހާނެ ގޮތް ހަދާފައިވާތީ. ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުން މިހާރުން މިހާރަށް ބަދަލު ހޯދަން ޝަރީޢަތަށް ދާންވީ...

    7
    1