މިސްރުގެ ގެއެއްގެ ތެރޭގައި، ފޯނު ޗާޖަރެއްގެ ސަބަބުން ހިނގި އަލިފާން ހާދިސާއެއްގައި އެއް އާއިލާއެއް އެކީ މަރުވެއްޖެއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ގާހިރާގެ ދެކުނުގައި އޮންނަ ގިޒާ ގަވަރުނަރޭޓްގައެވެ. މި ހާދިސާ ހިނގާފައި ވަނީ މޯބައިލް ފޯނު ޗާޖަރެއްގެ ކަރަންޓް ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ވެއެވެ.

މި ހާދިސާ ހިނގުމާއެކު އެގައުމުގެ ސަލާމަތީ ހިދުމަތްތަކާއި ސިވިލް ޑިފެންސް ޓީމްތަކުން ވަނީ ފައިސަލް ޑިސްޓްރިކްޓްގެ މީހުން ދިރިއުޅޭ އެ އެޕާޓްމަންޓަށް ގޮސް އަލިފާން ނިއްވުމުގެ މަަސައްކަތް ފަށައިފައެވެ. މިގޮތުން ރޯވި އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލިއެވެ.

ނަމަވެސް އެ އެޕާޓްމެންޓްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، އެެތަނުގައި ތެރޭގައި ތިބި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ. މިގޮތުން މި ހާދިސާގައި އެތަނުގެ ތެރޭގައި ތިބި ދެމަފިރިންނާއި، އެ މީހުން ދެ ދަރިން ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގިިއިރު، އެ އެޕާޓްމެންޓްގައި އެ އާއިލާގެ އިތުރު މީހަކުވެސް އުޅުނު ނަމަވެސް، އޭނާ ސަލާމަތް ވެފައި ވަނީ ތިން ވަނަ ފަންގިފިލާއިން ފުންމާލައިގެންނެވެ.