ކޮސޯވޯގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކޮށް އެންމެފަހުން ބޮޑުވަޒީރު އަލްބިން ކްރިތީގެ ގަޔަށް ފެން ޖަހައި، މެންބަރުންގެ މެދުގައި މަރާމާރީ ހިންގައިފިއެވެ.

ކޮސޯވޯގެ ބައިބޯ އަލްބޭނިއަނުންނާއި އުތުރުގައި އޮންނަ ބައިމަދު ނަސްލުތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ގާނޫނު ހަދާ މަޖިލީހުގައި ހަމަނުޖެހުން އުފެދުނީ ބޮޑުވަޒީރު ކްރިތީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބޮޑުވަޒީރު ކްރިތީގެ އަމަލުތައް ހުންނަނީ ނަސްލީ ހަމަނުޖެހުންތައް އިތުރަށް ހިނގަން މަގުފަހިވާ ގޮތަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ހަމަނުޖެހުންތަކުގެ ވީޑިއޯ އިން ފެންނަ ގޮތުގައި އިދިކޮޅު މެންބަރަކު ވަނީ ބޮޑުވަޒީރު ކްރިތީ އާއި އޭނާގެ ނައިބުގެ ގަޔަށް ފެން ޖަހާފައެވެ. އެއާއިއެކު އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ތާއިދު ކުރާ ކޯލިޝަން ޕާޓީތަކުގެ މެންބަރުން ޕޯޑިއަމް ކައިރިއަށް ޖަމާވެ، އެއްމެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލާ ހަމަނުޖެހުން ހިންގިއެވެ.

ސަރުކާރަށް ތާއިދުކުރާ މެންބަރުންނާއި ބޮޑީގާޑުންގެ އެހީގައި ކްރިތީ ވަނީ ހަމަނުޖެހުންތަކުގެ ތެރެއިން ނިކުންނަވާފައެވެ. ނަމަވެސް އޭގެ ފަހުން ވެސް މެންބަރުންގެ މެދުގައި ހިނގަމުން ދިޔަ ހަމަނުޖެހުން ނުހުއްޓުމުން އެންމެ ފަހުން ފުލުހުން މަޖިލިސް ތަޅުމަށްވަދެ މެންބަރުންގެ ހަމަނުޖެހުންތައް ހުއްޓުވިއެވެ.

ކޮސޯވޯގައި ދިރިއުޅޭ އަލްބޭނިއަނުންނާއި ސާބުންގެ މެދުގައި އަބަދުވެސް ހަމަނުޖެހުންތައް ބޮޑެވެ. އަލްބޭނިއަނުންނަކީ ކޮސޯވޯ އާބާދީގެ %90 އިންސައްތައެވެ. ސާބުންނަކީ ގާތްގަނޑަކަށް %5 އެވެ. ސާބުން އަބަދުވެސް ބުނާ ގޮތުގައި ސަރުކާރުގެ ކަންކަން ފަހިވަމުން ދަނީ އަލްބޭނިއަނުންނަށެވެ. ސާބުންގެ ފަގީރުކަން އިތުރުވެ، ވަޒީފާ ލިބުން ދަތިވެ އޭގެ އިތުރުން ވެސް އެތައް ހުރަހެއް ކުރިމަތިވަމުން އަންނަ ކަމަށް ސާބުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މިދިޔަ ބޮޑުޢީދުގައި ފެންކުޅި ކުޅެން ހަދާނެއްނެތް! މަޖިލީހުގައި ތިއްބާ އެކަން ހަދާންވެގެން އަހަރު ނިމުމުގެ ކުރިން އެކަން ފުރިހަމަކުރީ!