ތައިލެންޑްގައި މެއި މަހު ބޭއްވި އާއްމު އިންތިހާބުގައި ހައިރާން ކުރުވަނިވި ކާމިޔާބެއް ހޯދި މޫވިން ފޯވާޑް ޕާޓީގެ ލީޑަރު ޕީޓާ ލިމިގަރެންރަޓް އަށް އާސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނުލިބި ފެއިލް ވެއްޖެއެވެ. ބޮޑުވަޒީރަކު އިންތިހާބު ކުރަން ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓް ޕީޓާއަށް ކާމިޔާބެއް ނުކުރެވުނެވެ.

ޕީޓާގެ މޫވިން ފޯވާޑް ޕާޓީގެ ކޯލިޝަންގައި ޖުމްލަ އަށް ޕާޓީއެއް އެބައޮތެވެ. އަށް ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން 312 ގޮނޑިއެއް ކޮންޓްރޯލް ކުރެއެވެ. ނަމަވެސް ޕީޓާއަށް ބޮޑުވަޒީރުގެ ގޮނޑި ކާމިޔާބު ކުރަން ހުރަހަކަށްވީ ބައެއް އެހެން ޕާޓީތަކުން ވެސް ބޮޑުވަޒީރު ކަމަށް ވާދަކުރުމުންނެވެ.

ގާނޫނު ހަދަ މަޖިލީހުގެ ޖަލްސާއަށްފަހު އުމުރުން 42 އަހަރުގެ ޕީޓާ ވިދާޅުވީ ބޮޑުވަޒީރަކު ހޮވަން އަންނަ ބުދަ ދުވަހު ބާއްވާ ޖަލްސާގައި ވެސް އޭނާ ބޮޑުވަޒީރު ކަމަށް ވާދަކުރައްވާނަން ކަމަށާއި ނަމަވެސް އެދުވަހު ކާމިޔާބު ނުކުރެވިއްޖެނަމަ އޭނާގެ ޕާޓީއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ ކަމަށްވާ ޕުތައި ޕާޓީގެ ކެންޑިޑޭޓް ބޮޑުވަޒީރު ކަމަށް ގެންނަން ތާއިދު ކުރާނަން ކަމަށެވެ.

"ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރަން ފުރުސަތު ނުލިބި ދިގުދެމިގެންދާން ފުރުސަތެއް ނުދޭނަން. އެކަމަކު އެންމެ ފަހުވަގުތާއި ހަމައަށް ވެސް އަޅުގަނޑު މަސައްކަތް ކުރާނަން." ޕީޓާ ވިދާޅުވިއެވެ.

ޕީޓާގެ ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތަކެއް އާއްމު އިންތިހާބުގައި ކާމިޔާބު ކުރީ ވެރިކަން ހިންގުމުގެ ބާރުތައް ލިބިއްޖެނަމަ ތައިލެންޑްގެ ބާރުގަދަ ރަސްކަމުގެ ނިޒާމަށް އޮތް އިމްތިޔާޒުތައް ކުޑަ ކުރާނެ ކަމަށް ވައުދު ވެގެންނެވެ. ނަމަވެސް ޕީޓާގެ ކޯލިޝަންގެ އެހެން ޕާޓީތަކުން ވެސް މާބޮޑަށް ރުހޭ ކަމަކަށް އެކަން ނުވެއެވެ.

2014 ވަނަ އަހަރު ތައިލެންޑްގެ އަސްކަރިއްޔާ އިން ގެނައި ބަޣާވާތަކަށްފަހު އެގައުމުގެ ވެރިކަމުގެ ބާރުތައް އަދިވެސް ކޮންޓްރޯލް ކުރަމުން އަންނަނީ ސިފައިންނެވެ.