އެމެރިކާގެ ވެރިކަން 24 ގަޑިއިރަށް ލިބުނަސް ރަޝިއާ އާއި ޔޫކްރޭންގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް އަންނަނީ އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެމްޕޭން ކުރަމުންނެވެ. ރަޝިއާ އާއި ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާ އިން ގެންގުޅޭ ސިޔާސަތައް ޓްރަމްޕް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މުޅި ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ވެސް ހިމެނޭ ބިލިއަނަރު ޓްރަމްޕް ބުނާ ގޮތުގައި ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ ނުނިމި ދިގުލައިގެން ދަނީ ހަނގުރާމަ ހުއްޓުވޭނެ ޑީލެއް ހަދަން އެމެރިކާ އަށް ނޭނގޭތީއެވެ. ނަމަވެސް އޭނާ އަކީ އެފަދަ ޑީލެއް އެންމެ ފޯނު ކޯލަކުން ނިންމާލެވޭނެ މީހެއް ކަމަށް ޓްރަމްޕް ބުންޏެވެ.

ފޮކްސް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ އޭނާ ޔޫކްރޭންގެ ރައީސް ޒެލެންސްކީ އާއި ރަޝިއާގެ ރައީސް ޕޫޓިން އަކީ ވެސް އޭނާގެ ވަރަށް ގާތް ދެރަހުމަތްތެރިން ކަމަށެވެ.

"އެދެބޭފުޅުންނާއި އެކު ވެސް އަހަރެން ވަރަށް ގާތް ގުޅުމެއް ބާއްވަން. އަހަރެން ޒެލެންސްކީ އަށް ގުޅާފައި ބުނާނަން ދެން މިހާރު މިހިސާބުން ނިންމާލަންވީއޭ. ޑީލެއް ހަދަން ކަލެއަށް އޮތް ފުރުސަތަކީ މިއީއޭ. ދެން އަހަރެން ގުޅާނީ ޕޫޓިންއަށް. ޕޫޓިން ކައިރީ އަހަރެން ބުނާނަން ހަނގުރާމަ ހުއްޓާލާށޭ. ހަނގުރާމަ ހުއްޓާ ނުލަންޏާ ޕޫޓިންއަށް ލަފާ ވެސް ކުރެވިފައި ނެތް ވަރުގެ އެހީތައް އަހަރެން ޔޫކްރޭނަށް ދޭނަމޭ. އެއީ ރަޝިއާގެ ދުވަސް ދުއްވާލެވޭނެ ވަރުގެ އެހީ ތަކެކޭ. އަހަރެންގެ ޑީލަށް އެއްބަސްވާނަމަ މިހިސާބުން މިކަން ނިންމާލަންވީއޭ. ޑީލެއް ހަދާލަން އަހަރެން ބޭނުން ވަނީ އެންމެ ދުވަހެއް. ތިހަނގުރާމަ އަހަރެން ނިންމާލާނަން." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އެމެރިކާގެ ރައީސްކަން ހޯދަން ކެމްޕޭން ކުރަމުން ގެންދިޔަ ނަމަވެސް ގިނަ ދައުވާތަކަކާއި މިހާރު ވެސް ކުރިމަތިލާން ޖެހިފައެވެ. އޭގެތެރޭގައި އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތަކެއް އަމިއްލަ ގެއަށް ގެންގޮސްގެން އުޅުނު މައްސަލައެއް ވެސް ހިމެނެއެވެ. އެމައްސަލައިގައި ޓްރަމްޕްގެ މައްޗަށް ވަނީ ޖާސޫސު ކުރުމުގެ ދައުވާތަކެއް އުފުލާފައެވެ. އެދައުވާތައް ސާބިތުވެއްޖެނަމަ ޓްރަމްޕްގެ މައްޗަށް ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    އޯ ގަދަ . ތިކަމާވިސްނާނަން. ބައިޑަންއަށް ބޮނޑިއެއްދީ!!

  2. ގައްބަރޭ

    އެއީ ޓުރަންޕުގެ ސަޅިތަންކޮޅަކީ. ސައުދީއަށް އެވަރަށް އެއްޗެހިގޮވާފާވެސް ފުރަތަމައަށްވެސް ވައްޓާލީ އެގައުމަށް.

  3. ޖުމުހޫރީ މައިދާނުން

    ތްރަޕްއަށް މަރުޙަބާ އަފްގާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގުގައި މެދުވެތިވީ ތްރަމްޕް. ތްރަމްޕަށް ވެދާނެ، ދ ކޮރެއާ / ޖަޕާނުން ސިފައިންވެސް ބާލަންވީ، ނޭޓޯ ފުޅާކުރުން ހުއްޓާލަންޖެހޭ، ދެން ހަގުރާމަ ނިމިދާނެ

    6
    1