ދިހަ އަހަރު ވަންދެން ޒުވާން އަންހެނުން މަރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ ހަފްތާގައި އެމެރިކާގެ ނިއުޔޯކުން ހައްޔަރު ކުރި ސީރިއަލް ކިލާ އާއި ދެކޮޅަށް ގިނަ ހެކިތަކެއް މައްސަލަ ތަހްގީގު ކުރަމުންދާ ފުލުހުން ހޯދައިފިއެވެ.

ގިލްގޯ ބީޗް ކިލިންގެ ގޮތުގައި މީޑިއާގައި ރިޕޯޓް ކުރާ މިމަރުތަކުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 59 އަހަރުގެ ރެކްސް ހާމަންއެވެ. އަދި ފުލުހުން ރެކްސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ތިން އަންހެނެއްގެ މަރުގެ މައްސަލައިގައެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުގައި އިތުރު އަންހެނުންތަކެއްގެ މަރުގެ ފަހަތުގައި ވެސް ހުރީ ރެކްސް ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާގެ މައްޗަށް 11 އަންހެނަކު މަރާލުމުގެ ތުހުމަތު ކުރެވެއެވެ.

މިހާރު ދައުވާ ކޮށްފައިވާ މައްސަލަތަކަކީ 2010 ވަނަ އަހަރު އެކި ދުވަސް މަތިން ތިން އަންހެނަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެވެ. އޭގެ އިތުރުން 2007 ވަނަ އަހަރު ގެއްލުނު އަންހެނެއްގެ މަރުގެ ތުހުމަތު ރެކްސްގެ މައްޗަށް ކުރެވޭ ކަމަށާއި އެމައްސަލައިގެ ތަހްގީގު ކުރިއަށް ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސީއެންއެން އަށް މައުލޫމާތު ދިން ޑިސްޓްރިކްޓް އެޓާނީއެއް ވިދާޅުވީ ރެކްސް މިދިޔަ ހަފްތާގައި ހައްޔަރު ކުރިފަހުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެ ގެއިން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ އިތުރު މައުލޫމާތާއި، އިތުރު ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާފައި އަހަރެންނަށް ބުނެވޭނީ ދައުވާ އުފުލާފައިވާ ތިން މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކިތައް ލިބިއްޖެއޭ. މިމައްސަލަތައް ކޯޓުގައި ސާބިތު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް." ޑިސްޓްރިކްޓް އެޓާނީ ވިދާޅުވިއެވެ.

ރެކްސްގެ ގޭގެ ބޭސްމެންޓުން 200 އާއި 300 އާއި ދެމެދުގެ އަދަދެއްގެ ހަތިޔާރު ވެސް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭތެރޭގައި ފިސްތޯލަ އާއި ރައިފަލް ހިމެނެއެވެ. ރެކްސް އަކީ ޖަނަވާރު ޝިކާރަ ކުރާ މީހެކެވެ. ނަމަވެސް އޭނާގެ ގެއިން ފެނުނު ހަތިޔާރު ތަކަކީ ޖަނަވާރު ޝިކާރަ ކުރުމުގެ ގޮތުން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ހަތިޔާރުގެ އަދަދަށްވުރެ އެތައް ގުނައެއް ގިނަ ހަތިޔާރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ އަކީ މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ގިނަ ސީރިއަލް ކިލާއިން އުޅޭ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު