2023 ވަނަ އަހަރަކީ 1800 ގެ އަހަރުތަކުގައި ރެކޯޑް ބަލަހައްޓަން ފެށި ފަހުން އެންމެ ހޫނު ގަދަ އަހަރަށް ވެދާނެ ކަަމަށް ބެލެވެން ފަށައިފިއެވެ.

މި އަހަރުގެ ޖޫން މަހަކީ މިހާތަނަށް ފިނިހޫނުމިން އެންމެ މައްޗަށް ދިޔަ މަހެވެ. އެއާ ޖެހިގެން ޖުލައި މަސް އިންނައިރު، މިހަތަނަށް އެންމެ ހޫނު ގަދަ މަސްތަކުގެ ގޮތުގައި ރެކޯޑް ކުރެވުނު 10 މަސް ތެރޭގައި ޖޫން އަދި ޖުލައި ހިިމެނެއެވެ.

މިގޮތުން ހޫނު ގަދަކަމުގެ އަސަރު އެމެރިކާ އާއި ޔޫރަޕްގެ ބޮޑު ސަރަހައްދާއި އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާއިރު، ޕެސިފިކް ކަނޑުގެ ސަރަހައްދުތަކާއި ފްލޮރިޑާގެ އެޓްލާންޓިކް ކަނޑުގެ ސަރަހައްދުގައި އެލްނީނޯ ވަނީ ހީވެސް ނުކުރާ ވަރަށް 90 އެފް (32.2 ސެލްސިއަސް) އަށް އަރާފައެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރިސާޗް ނޮންޕްރޮފިޓް ބާކްލީ އާރތު އިން އަންނަނީ ކޮންމެ މަހެއްގެ ދުނިޔޭގެ ފިނިހޫނުމިން އެނަލައިޒްކޮށް، ރޭންކުގެ އަންދާޒާތައް ނެރެމުންނެވެ.

އަދި ޖުލައި މަހުގެ 11 ވަނަ ދުވަހު ޝާއިއުކުރި މި ދިރާސާގެ އެންމެ ފަހުގެ އެނަލިސިސްއިން ދައްކާ ގޮތުން 2023 ވަނަ އަހަރަކީ ރެކޯޑުގައި އޮތް އެންމެ ހޫނު އަހަރަށް ވުމުގެ ފުރުސަތު ބޮޑެވެ.

ސައިންސްވެރިން ކޮންމެ އަހަރަކުންވެސް އެ އަހަރުގެ، ފިނިހޫނުމިން ރޭންކިން ފައިނަލް ކުރާނީ ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މިހާތަނަށް ރެކޯޑުގައި އޮތް އެންމެ ހޫނު އަހަރަކީ 2016 ވަނަ އަހަރެވެ.