ސްރީ ލަންކާގެ ކޮލަމްބޯގައި ވިޔަފާރިވެރިއަކު އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކޮލަމްބޯގެ ފަސް ތަރީގެ ހޮޓަލެއްގައި އަންހެން މުވައްޒަފަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ބިލިއަނަރ ވިޔަފާރިވެރިއަކު ފުލުހުންގެ ޗިލްޑްރަން އެންޑް ވިމެން ބިއުރޯގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ ވިޔަފާރިވެރިޔާއަކީ މަތީ ތައުލީމް ހާސިލްކުރުމަށް ޔޫރަޕްގެ ގައުމުތަކަށް ދެ ޖިންސުގެ ޒުވާނުން ފޮނުވާ އެޖެންސީއެއްގެ ވެރިއެއް ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާއަކީ އޭނާގެ މުވައްޒަފެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާގޮތުން ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވުމަށް އެ ވިޔަފާރިވެރިޔާ އަންހެން މުވައްޒަފަށް އެންގިއެވެ. އަދި އޭނާ ބޭނުންވާ ގޮތަށް އެ މުވައްޒަފު ހޮޓަލަށް އައިއިރު، ކުރިން އޭނާ އޮތީ ހޮޓަލުގައި މީޓިން ހޯލެއް ރިޒާވްކޮށްފައެވެ. އަދި އެ އަންހެން މީހާ އެތަނަށް ވަނުމުން އޭނާ އެތަނުގެ ދޮރުތައް ތަޅުލައި އޭނާ ރޭޕް ކުރީ ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް އެ ޒުވާން އަންހެން މީހާ އޭނާއާއެކު ހޮޓަލަށް އައީ އަމިއްލަ އިހުތިޔާރުގައި ކަމަށް އޭނާ ފުލުހުންނަށް ވަނީ މައުލުމާތު ދީފައެވެ.

މި މައްސަލައިގައި އޭނާ ހައްޔަރު ކުރީ އެ މުވައްޒަފު ޝަކުވާ ހުށަހެޅުމުންނެވެ. އަދި ޓެސްޓުތައް ހެދުމަށް އަންހެން މީހާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.