ގިނަބަޔަކު ބޭނުން ކުރަމުންދާ މީސް މީޑިއާ ޕްލެޓްފޯމްކަމަށްވާ ޓްވިޓާގެ ނަން ބަދަލު ކުރަން ނިންމައިފިއެވެ.

ޓްވިޓާގެ ވެރިޔާ އެލޮން މަސްކް ވަނީ ޓްވިޓާ ގެ ނަން "އެކްސް" އަށް ބަދަލުކޮށް، އެ ޕްލެޓްފޯމްގެ އައިކޮނިކް ބްލޫ ބާޑް ލޯގޯ ވެސް އެ އަކުރަށް ބަދަލު ކުރަން ނިންމައިފައެވެ.

ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ މަސްކް ކުރެއްވި ޓުވީޓެއްގައި އިއުލާނު ކުރި މި ބަދަލަކީ މިދިޔަ އަހަރުގެ ފަހުކޮޅު މަސްކް މި ޕްލެޓްފޯމް ގަތް ފަހުން މި ޕްލެޓްފޯމަށް އައި ސިލްސިލާ ބަދަލުތަކުގެ ތެރެއިން އެންމެ ފަހުގެ ބަދަލެވެ.

ޓްވިޓާގެ ބެލެނިވެރި ކުންފުންޏަށް މަސްކް ވަނީ އެކްސް ކޯޕަރޭޝަންގެ ނަމުން ނަން ދީފައެވެ.

ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 200 މިލިއަން އެކްޓިވް ބޭނުންކުރާ ޓްވިޓާ މަސްކް ގަނެފައި ވަނީ 2022 ވަނަ އަހަރު 44 ބިލިއަން ޑޮލަރަށެވެ.

މަސްކް މި އެޕް ގަތް ފަހުން އެ ކުންފުނީގެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކުރިއެވެ. އޭގެ ފަހުން ތަކުރާރުކޮށް ޓެކްނިކަލް ފެއިލްތަކެއް ކުރިމަތިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.