މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްރީ ލަންކާގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 55،000 އިން މައްޗަށް އަރާ، މަރުވި މީހުންގެ އަދަދު 37 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ބުނެއެވެ.

ލަންކާގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ޖުމްލަ 55،260 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނަ މީހުން އެ ބައްޔަށް ފައްސިވެފައި ވަނީ ގަމްޕަހާ ޑިސްޓްރިކްޓުންނެވެ. އެގޮތުން އެ ޑިސްޓްރިކްޓުން އެކަނި 11،973 މީހަކު ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

މީގެ އިތުރުން ހުޅަނގު ޕްރޮވިންސުން 27،400 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ފައްސިވެފައިވާއިރު، މިއީ ޕްރޮވިންސްތަކަށް ބަލާއިރު އެންމެ ގިނަ މީހުން އެ ބައްޔަށް ފައްސިވި ޕްރޮވިންސެވެ.

މީގެ އިތުރުން އެޕިޑެމިއޮލޮޖީ ޔުނިޓުން ވަނީ ޑެންގީ ހުން ފެތުރޭ ތަންތަން ގިނައިން ފެނިފައިވާ ހިރާސް ބޮޑު 52 ސަރަހައްދެއް ފާހަގަކޮށްފައެވެ.

ޖުލައި މަހު މިހާތަނަށް ޑެންގީ ހުން 5،940 މީހަކަށް ޖެހިގެން ރިޕޯޓް ކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ވިދާޅުވާގޮތުގައި ޑެންގީ ހުން ދުނިޔޭގެ އިތުރު ސަރަހައްދުތަކަށާއި ގައުމުތަކަށް ފެތުރެމުން ދަނީ މީހުން ދަތުރުފަތުރުކުރުން އިތުރުވުމާއި، ރަށްވެހިވުމާއި، މޫސުމާ ގުޅުންހުރި މައްސަލަތަކުގެ ސަބަބުންނެވެ.