އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ސިއްކީމްގައި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަންހެން މުވައްޒަފުންނަށް 12 މަހުގެ މެޓާނިޓީ ލީވް އަދި ފިރިހެން މުވައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ދޭން ނިންމާފައިވާ ކަމަށް ޗީފް މިނިސްޓަރު ޕްރޭމް ސިންގް ތަމަންގް ވިދާޅުވެއްޖެއެވެ.

ސިއްކީމް ސްޓޭޓް ސިވިލް ސަރވިސް އޮފިސަރސް އެސޯސިއޭޝަން (އެސްއެސްސީއެސްއޯއޭ)ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، އެ އިނާޔަތް ދިނުމަށްޓަކައި ހިދުމަތުގެ އުސޫލަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އަދި މީގެ ސަބަބުން ސަރުކާރުގެ މުވައްޒަފުންނަށް ދަރިންނާއި އާއިލާތައް ރަނގަޅަށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެޓާނިޓީ ބެނެފިޓް ގާނޫނު 1961 ގައި ވާ ގޮތުން ވަޒީފާ އަދާކުރާ އަންހެނަކަށް މުސާރަ ލިބޭ މެޓާނިޓީ ލީވްގެ ގޮތުގައި 6 މަސް ނުވަތަ 26 ހަފުތާ ލިބޭނެއެވެ.

އިންޑިއާގައި އެންމެ މަދުން އާބާދީ އެއް އޮންނަނީ ހިމާލިޔާ ސްޓޭޓްގައެވެ. އެ ސްޓޭޓްގައި އުޅެނީ ގާތްގަނޑަކަށް 6.32 ލައްކަ މީހުންނެވެ.

ތަމަންގް ވިދާޅުވީ އެ މުވައްޒަފުންނަކީ ސްޓޭޓް ސަރުކާރުގެ މައިބަދަ ކަމަށާއި ސިއްކީމާއި އެ ސްޓޭޓްގެ ރައްޔިތުންގެ ކުރިއެރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށެވެ.

އަދި ސިވިލް ސަރވިސްގެ އޮފިސަރުންގެ ޕްރޮމޯޝަންގެ ކަންކަން ހަރުދަނާކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ޕްރޮމޯޝަން ލިބޭ މިންވަރު އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު