ނެދަލެންޑްސްގެ އައްސޭރިފަށް ކައިރިއަށް ގާތްގަނޑަކަށް 3،000 ކާރު ހިފައިގެން ދަތުރުކުރަމުން ދިޔަ އާގު ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޑިއާގެ ފަޅުވެރިއަކު މަރުވެ 20 މީހުން ޒަހަމްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ބޯޓުގައި ހުރި 25 އިލެކްޓްރިކް ވެހިކަލެއްގެ ތެރެއިން ވެހިކަލެއްގައި ރޯވެގެން ކަމަށް ބެލެވެއެވެ.

އަންގާރަ ދުވަހުގެ ރޭ އަލިފާން ރޯވެފައިވަނީ ޖަރުމަނުވިލާތުން މިސްރަށް ދަތުރުކުރަމުންދިޔަ 18،500 ޓަނުގެ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށްވާ ފްރެމެންޓަލް ހައިވޭގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލިފާން ރޯވުމާއެކު، އަލިފާން ނިއްވަން ފަޅުވެރިން މަސައްކަތް ކުރިއެވެ. އަދި ބައެއް މީހުން ކުރި މަސައްކަތް ނާކާމިޔާބުވުމުން ބޯޓުން ފުންމާލަން މަޖުބޫރުވި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ފަޅުވެރިއަކު މަރުވިކަން ކަށަވަރުކޮށްދެމުން ނެދަލެންޑްސްގައި ހުންނަ އިންޑިއާ އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އުތުރު ކަނޑުގައި އޮތް ޝިޕް "ފްރެމެންޓަލް ހައިވޭ" ގައި ހިނގި ހާދިސާގައި އިންޑިއާ މީހަކު މަރުވެ ފަޅުވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބުމުން ހިތާމަ ކުރާ ކަމަށެވެ. އަދި މަރުވި މީހާގެ އާއިލާއާ އިންޑިއާ އެމްބަސީން ގުޅައި، މަރުވި މީހުންގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްބަސީން އިތުރަށް ބުނީ ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"އެމްބަސީން ވެސް ދަނީ ޒަހަމްވި ބާކީ ތިބި 20 ފަޅުވެރިންނާ ގުޅައި ހާލު ބަލަމުން. ނެދަލޭންޑްސްގެ ކަމާބެހޭ ފަރާތްތަކާއި ޝިޕިން ކުންފުންޏާ ގުޅިގެން ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުން،" އެމްބަސީގެ ޓްވީޓްގައި ވެއެވެ.

ނެދަލެންޑްސްގެ ކޯސްޓްގާޑުގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ އަލިފާން ރޯވިތާ ގާތްގަނޑަކަށް 16 ގަޑިއިރު ފަހުންވެސް އެ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އަލިފާން ނިއްވާ ފަރާތްތަކަށް އަދިވެސް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އެ އުޅަނދު އަޑިއަށް ދިއުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަދިވެސް އެންމެން ބަލާތި ބެޓެރީ ކާރު އަދި ހައިބްރިޑް ކާރެއް ގެނެވޭތޯ.... އޭގައި ރޯވާނީ ކޮންއިރަކުކަމެއް އެނގެނީކީ ނޫން.

    ބަޔަކު ބިރުން އުޅޭނެ މިޚަބަރު ފެނި.

    1
    1