ސިންގަޕޫރުގެ ހަތް ސެޓެލައިޓް މާދަމާ ހެނދުނު އުދުއްސާލަން އިންޑިޔާއިން ތައްޔާރުވެއްޖެއެވެ.

އިންޑިޔާއިން ބުނާގޮތުގައި ސިންގަޕޫރުގެ ހަތް ސެޓެލައިޓް އުދުއްސާލަނީ ރޮކެޓުގައި ހަރުކޮށްފައެވެ. މާދަމާ ހެނދުނު 6:30 ގައި އުދުއްސާލަން ހަމަޖެހިފާ މި ސެޓެލައިޓް އުދުއްސާލުމަށް ފަތިހު 5:00 ޖަހާއިރު ކައުންޓްޑައުން ފަށާނެއެވެ. މި ރޮކެޓުތައް ޖައްވަށް ފޮނުވާލަނީ އިންޑިއާގެ އަންދްރާ ޕްރަދޭޝް ސްޓޭޓުގެ ރަށެއްކަމަށްވާ ސްރީހަރިކޮޓާގައި އޮންނަ ރޮކެޓް އުދުއްސާ ބަނދަރުންނެވެ.

"ރޮކެޓް އުދުއްސާލުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތަކުގެ ވަގުތު، މިއަދު ފަތިހު 5:01އިން ސިކުންތުން ފެށިގެން ގުނަން ފަށައިފިން"، ނޫސްވެރިޔަކާއި ވާހަކަދައްކަވަމުން އިސްރޯގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސެޓެލައިޓް އިންޑިއާއިން އުދުއްސާލާނީ ޕީ.އެސް.އެލް.ވީ ރޮކެޓެއްގައެވެ.

މިއީ އިންޑިއާގެ ފަޒާއާބެހޭ ދިރާސާތައްކުރާ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން (އިސްރޯއިން) ވިޔަފާރީގެ އުސޫލުން މިއަހަރުގެ ތެރޭގައި އުދުއްސާލާ މިފަދަ ތިންވަނަ އުދުއްސުމެވެ. މި ސްޓެލައިޓުތައް ކާމިޔާބުކަމާއެކު އުދުއްސާލެވިއްޖެ ނަމަ 1999 ވަނަ އަހަރުން ފެށިގެން މިހާތަނަށް 36 ގައުމެއްގެ 431 ސެޓެލައިޓް އިންޑިއާއަށް އުދުއްސާލެވުނީއެވެ.

މިއަހަރުގެ މާޗު މަހު އިންޑިއާއިންވަނީ އިނގިރޭސިވިލާތުގެ ވަންވެބް ކުންފުނީގެ 36 ސެޓެލައިޓެއް ކާމިޔާބުކަމާއިއެކު ފަޒާޔަށް އުދުއްސާލައިފައެވެ.

ސިންގަޕޫރުން އެންމެ ފުރަތަމަ ސެޓެލައިޓެއް އުފައްދައި ޖައްވަށް ފޮނުވާފައިވަނީ 2019 ވަނަ އަހަރުގައެވެ.

މިއީ ސިންގަޕޫރްގެ 2 ރީސަރޗް ދަރިވަރުން އުފައްދާފައިވާ ކުޑަ ނެނޯ ސެޓެލައިޓެކެވެ. ބޮޑުމިނުގައި އެންމެ 10 ސެންޓިމީޓަރު ހުންނަ، އަދި ބަރުދަނުގައި 1 ކިލޯ ހުންނަ މި ސެޓެލައިޓް ދުނިޔޭގެ އޯބިޓަށް ފޮނުވާލީ ޖަޕާނުގެ އެހީތެރިކަމާއެކުއެވެ.

އިންޑިޔާއަކީ ޖައްވީ އިންޑަސްޓްރީގައި ރެކޯޑްތައް މުގުރައި އެހެން ގައުމުތަކަށް ނުހޯދޭހާ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމަކީ ސޯލާރ ސިސްޓަމްގެ ޕްލެނެޓް މާރސްގެ އޯރބިޓަށް ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދެއް ފޮނުވާލި ފުރަތަމަ ގައުމެވެ. އަދި އެއް ފަހަރާ އެކި ސައިޒުގެ އެންމެ ގިނަ ސެޓެލައިޓް ލޯންޗުކުރި ގައުމުވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު