އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައި ވަނިކޮށް އެ ހުކުމަށް އަމަލުކުރުން އެ ގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.

ރާހޫލް ގާންދީ ޖަލަށްލުމަށާއި އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް ދަށު ކޯޓުން ހުކުމް ކުރީ މިދިޔަ މާޗް މަހުގައެވެ. އޭނާގެ މައްޗަށް އެ ހުކުމް އައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވަގަށް ގޮވި މައްސަލައިގައެވެ. އިންޑިއާގައި ދެ އަހަރުގެ ޖަލު ހުކުމެއް އައިސްފި ނަމަ، މެމްބަރުކަމުގެ ގޮނޑި ގެއްލެއެވެ.

އެ ހުކުމާ އެކު އަންނަ އަހަރު އޮންނާ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ރާހުލް އަށް ގެއްލުނެވެ. ރާހުލް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ބެއިލްގެ ދަށުން އޭނާ ހުރީ މިނިވަންކޮށްފައެވެ.

ދަށު ކޯޓުތަކުން މި މައްސަލައިގައި ރާހުލްއާ އެއްކޮޅަށް މައްސަލަ ނިމިފައިވާ ނުވާ އިރު، ރާހުލް އަށް މަޖުބޫރުވެވަޑައިގަތީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރާށެވެ.

ސުޕްރީމް ކޯޓުން ވަނީ އެ ހުކުމަށް އަމަލުކުރުން މަޑުޖައްސާލައި އެ މައްސަލަ ނިމެންދެން ރާހުލްގެ މެމްބަރުކަމުގެ ގޮނޑި އާއި އަންނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ދީފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ ރާހުލް ދެއްކެވި ވާހަކަތަކަކީ އޭގެ ޒާތުގައި މުޅިން ރަނގަޅު ވާހަކައަކަށް ނުވި ނަމަވެސް އެ ކަހަލަ ވާހަކަތައް ދެއްކުމުގައި ސަމާލުވާން ޖެހޭނެ ކަމަށެވެ. އެކަމަކު، ރާހުލް އަށް އެހާ ބޮޑު އަދަބެއް ދޭންވީ ސަބަބެއް ނުވިސްނޭ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މި ނިންމުމާ ގުޅިގެން މޯދީގެ ބީޖޭޕީން މިކަމުގައި އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު