ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ތިން ދުވަސް ކުރިން އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެގައުމުގެ ގައުމީ މަޖިލިސް އުވާލާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުންނާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ޝެހްބާޒް ވެރިކަމުގައި ހުންނެވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕާލަމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފަހު ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރުމުންނެވެ. ގައުމީ މަޖިލީސް އުވާލުމާ އެކު މި އަހަރުގެ ފަހުކޮޅު އެ ގައުމުގެ އާންމު އިންތިހާބު ބާއްވާނެއެވެ.

ޝަރީފް އިއުލާނު ކުރެއްވި ގޮތަށް އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެސެމްބްލީ އުވާލައިފި ނަމަ ގާނޫނު އަސާސީން ލާޒިމްކުރާ ގޮތަށް ބަލަހައްޓާ ސަރުކާރެއްގެ ބެލުމުގެ ދަށުން ނޮވެމްބަރު މަހު އިންތިހާބު ބާއްވާނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ޝަރީފް ވިދާޅުވީ ކޯލިޝަން ސަރުކާރު ވެރިކަމަށް އައިއިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ނަމަވެސް ޝަރީފްގެ ސަރުކާރަށް ތުހުމަތު ކުރެވެނީ އޭނާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އިމްރާނަށް އަމާޒުކޮށް އޭނާގެ މައްޗަށް އުފުލާފައިވާ ސިލްސިލާ މައްސަލަތަކާއި، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއާ ދެކޮޅަށް ހިންގަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިންނެވެ.

އިމްރާން ވިދާޅުވީ އެ މައްސަލަތަކަކީ ކުރިއަށް އޮތް އިންތިހާބުގައި އޭނާ އަށް ވާދަނުކުރެވޭ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.

މެއި މަހުން ފެށިގެން ޕީޓީއައިގެ އެތައް ހާސް އެކްޓިވިސްޓުންނާއި ސަޕޯޓަރުން ހައްޔަރުކޮށްފައިވަނީ އިމްރާން ކުޑަ ވަގުތުކޮޅަކަށް ހައްޔަރުކޮށް، ސަރުކާރާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު