ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގައި ގާުއިމުވެގެން ތިބޭ ފްރާންސްގެ ސިފައިން އެ ގައުމުން ބާލަން މަޝްވަރާތައް ފަށައިފައިވާކަން ފްރާންސުން ޔަގީންކޮށްދީފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޣާވާތެއް ގެނެސް ނައިޖަރުގެ ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުރުކުރުމުންނެވެ. ފްރާންސްގެ ގޮނޑި ކޮއްކޮއެއްގެ ގޮތުގައި ބެލެވުނު ބަޒޫމް ވެރިކަމުން ދުރުކުރި ފަހުން ވެރިކަމާއި ހަވާލުވެ ހުރީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީއެވެ.

ނައިޖަރުގެ މިލިޓަރީ ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމަށް ފަހުު ފްރާންސްއާއެކު ހަދާފައި އޮތް ފަސް އެއްބަސްވުމެއް އުވާލައިފަ އެވެ. އަދި ފްރާންސްގެ ސިފައިން ފޭބުމަށް ވެސް އަންގައުފަ އެވެ.

އެހެން ނަމަވެސް ނައިޖަރުގައި ތިބ ބަޣާވާތުގެ ސަރުކާރެއް ކަމަށް ބުނެ ފްރާންސުން ދިޔައީ ސިފައިން ބާލަން ދެކޮޅު ހަދަމުން ނެެވެ.

ނަމަވެސް ސިފައިން ބޭލުމާ ގުޅޭ ގޮތުން ވާހަކަތައް މިހާރު ފަށައިފައިވާ ކަން ފްރާންސްގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ޔަގީން ކޮށްދީފަ އެވެ.

ނައިޖަރުގައި ފްރާންސްގެ 1500 އެއްހާ ސިފައިން ތިބޭއިރު ގިނަ ސިފައިން ތިބެނީ ވެރިރަށް ނިއާމޭގަ އެވެ.

ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސަށް ނައިޖަރު ވަރަށް މުހިންމެވެ. އެފްރިކާގެ ވަރަށް ގިނަ ގައުމުތައް ފްރާންސުން މީގެ ކުރިން އަޅުވެތި ކުރިއެވެ. އަދި މިހާރު ވެސް އެފްރިކާގެ އެކި ގައުމުތަކުން ތަފާތު މަންފާތައް ފްރާންސުން އަންނަނީ ހޯދަމުންނެވެ.

ނައިޖަރަށް ގެނައި ބަޣާވާތާ ގުޅިގެން ހުޅަނގު އެފްރިކާގެ ޖަމިއްޔާ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) އިން ވަނީ ވަނީ ކުރީގެ ވެރިކަން އަލުން އިއާދަ ކުރަން ވެސް ގޮވާލައިފަ އެވެ. އަދި ސިފައިން ފޮނުވައިގެން ވެސް އެކަން ކުރާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޔަބޭ

    ރާއްޖެ އޮތް ހާލަތު، ވެރިކަން ބަދަލް ވެއްޖެނަމަ އިންޑިޔާ އާއި ހަދާފައިވާ އެގުރިމެންޓް ތައް އުވާލަންފަށާނެ...
    އަދި އިންޑިޔާ ސިފައިން ބޭލުމުގެ މަސައްކަތް ވެސް ފަށާނެ.. އެކަމު ހަމަ ނުފައިބާން ގަދަ ހަދާނެ