ނިޕާ ވައިރަހުގެ ސަބަބުން ކަމަށް ބެލެވޭ ދެ މީހަކު އިންޑިއާގެ ކެރެލާއިން މަރުވުމާއި ގުޅިގެން ކެރެލާގެ ހެލްތު ޑިޕާޓްމަންޓުން ކޮޒިކޯޑް ޑިސްޓްރިކްޓްގައި ހެލްތު އެލާޓް ނެރެފިއެވެ.

ހެލްތު ޑިޕާޓްމަންޓުން ރޭ ނެރުނު ބަޔާނެއްގައިވާގޮތުން މިކަމާއި ގުޅިގެން ސްޓޭޓްގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވައި ހާލަތު ބައްލަވާލައްވާފައެވެ.

މިގޮތުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި ދެ މީހަކު މަރުވެގެން އަމިއްލަ ހޮސްޕިޓަލަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ ނިޕާ ވައިރަހުގެ ސަބަބުން މަރުވި މީހުން ކަމަށް ބެލެވޭ ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކުގެ އާއިލާ މީހަކަށްވެސް އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ނިޕާ ވައިރަސް ޖެހިގެން 2018 ވަނަ އަހަރާއި 2021 ވަނަ އަހަރު ކޮޒިކޯޑް ޑިސްޓްރިކްޓުން މީހުން ވަނީ މަރުވެފައެވެ. އަދި ދެކުނު އިންޑިއާގައި އެންމެ ފުރަތަމަ ނިޕާ ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކޮޒިކޯޑް އިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ނިޕާ ވައިރަސް އަކީ ޖަނަވާރުންގެ ކިބައިން މީހުންނަށް ފެތުރޭ ބައްޔެކެވެ. އަދި މި ބަލި ފެތުރެނީ ތަޣައްޔަރުވެފައިވާ ކާނާގެ ޒަރިއްޔާއިން ނުވަތަ އެ ސީދާ މީހާގެ ފަރާތުން ވެސް ބަލި ފެތުރިދާނެ ކަމަށް ބުނެފައި ވެއެވެ.

މިވައިރަސް ޖެހުމުގެ ސަބަބުން ސިކުޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ.