ޗައިނާގެ ރައީސް ޝީ ޖިން ޕިންއާ ބެހޭގޮތުން ޖަރުމަނުން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ޕެޓްރީސިއާ ފްލޯ ދެއްކި ވާހަކަތަކާއި ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓަރީއަށް އޭނާ ހާޒިރުކޮށްފިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި ޗައިނާގައި ހުންނަވާ އެގައުމުގެ އެމްބެސެޑަރު ޕެޓްރީސިއާ ފްލޯ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައިވަނީ ޗައިނާގެ ރައީސަށް ފާޑު ވިދާޅުވުމުންނެވެ.

ޕެޓްރީސިއާ ފްލޯ ވިދާޅުވެފައިވަނީ ޗައިނާގެ ރައީސަކީ ޚުދުމުޚުތާރު ވެރިއެއް ކަމަށެވެ. ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ފޮކްސް ނިއުސްއަށް ދެއްވި އިންޓައވިއުއެއްގައި ޖަރުމަނުގެ ފޮރިން މިނިސްޓަރު އެނެލީނާ ބެއާބޮކް ވިދާޅުވީ ރަޝިއާއިން ހަނގުރާމަ ކާމިޔާބު ކޮށްފިނަ ޗައިނާގެ ރައީސް ޝީ ފަދަ އެހެން ޑިކްޓޭޓަރުންނަށް ލިބޭ މެސެޖް މާ ރަނގަޅެއް ނުވާނެ ކަމަށެވެ. އެހެން ކަމުން ޔުކްރޭން، ހަނގުރާމައިން މޮޅުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ރައީސާއި ބެހޭގޮތުން ޖަރުމަނުން ދެއްކި ވާހަކަތައް ޗައިނާ ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި އެއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ޖަރުމަނުގެ ވާހަކައަކީ ޗައިނާގެ ސިޔާސީ ގޮތުން ޗައިނާގެ އަގު ވައްޓާލުމަށް ބޭނުންކޮށްފައިވާ ވާހަކައެކެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިން ކޮންމެ ދުވަހަކު ދެއްވާ ބްރީފިންގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކޮށްގެން ޖަރުމަނާ މުއާމަލާތް ކޮށްފައިވާ ކަމަށެވެ.

ޖަރުމަނުން މިއަހަރުގެ ކުރީކޮޅު ވަނީ އެ ގައުމާއި ޗައިނާގެ ގުޅުމާ ބެހޭ ކަރުދާހެއް އެކުލަވާލާފައެވެ. އޭގައިވާ ގޮތުން ޗައިނާގެ މައްޗަށް ބަރޯސާވުން ކުޑަކުރުމުގެ ސިޔާސަތެއް އެގައުމުން ގެންގުޅޭނެ ކަމަށާއި އެހެން ނަމަވެސް ޗައިނާއާ ގުޅުން ކަނޑާލަން ނުވަތަ ދުރުވެގަންނަން ބޭނުންވާ ކަމަށް ޖަރުމަނުން ވަނީ ބުނެފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ޝީ ޖިން ޕިންއަށް ޑިކްޓޭޓަރެކޭ ވިދާޅުވި މައްސަލައިގައި އެމެރިކާ އާ ޗައިނާއާ ދެމެދުގައި ސިޔާސީ މައްސަލަތަކެއް ވަނީ އުފެދިފައެވެ.