އިންޑިއާގެ މަހާރަޝްތުރާގެ ނަންދޭދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލުގައި 48 ގަޑިއިރު ތެރޭ 31 މީހަކު މަރުވެއްޖެއެވެ.

ޝަންކަރްރާއޯ ޗަވަން ގަވަމެންޓް ހޮސްޕިޓަލުގައި މަރުވި 31 މީހުންގެ ތެރެއިން 16 މީހުންނަކީ ތުއްތު ކުދިން ނުވަތަ ކުޑަކުދިންނެވެ.

އެ ހޮސްޕިޓަލުގެ ޑީން ޑރ.ޝްޔަމްރާއޯ ވަކޯޑޭ ވަނީ ބޭސްފަރުވާގެ އިހުމާލު އޮތް ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި ބޭހާއި ޑޮކްޓަރުންގެ ދަތިކަމެއް ނެތް ކަމަށާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ފަރުވާއަށް ބަލި މީހުން ނުގުޑާ ކަމަށް ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑު މި ދަނީ ނަންދޭދަށް. މިއީ މިކަން ވާންވީ ގޮތެއް ނޫން. ބޭހާއި ޑޮކްޓަރުންގެ ދަތިކަމެއް ނެތް. ކޮންމެ މަރެއް ވެސް ތަހުގީގު ކުރާނަން، އިހުމާލުވާ ކޮންމެ މީހަކަށް އަދަބު ދޭނެ.". އޭއެންއައިއާ ވާހަކަ ދައްކަމުން މަހާރާޝްތުރާގެ މެޑިކަލް އެޑިއުކޭޝަން މިނިސްޓަރު ހަސަން މުޝްރިފް ވިދާޅުވިއެވެ.

މަހާރާޝްތުރާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މަރުތައް ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

"ޗާތުރަޕަތީ ސަމްބާޖީނަގަރް ޑިސްޓްރިކްޓްގެ ތިން މެމްބަރުންގެ އެކްސްޕާޓް ކޮމެޓީއެއް އެކުލަވާލާފައި މިވަނީ ރިޕޯޓެއް ހުށަހަޅަން މެންޑޭޓަކާ އެކު. އަޅުގަނޑު އަމިއްލައަށް ހޮސްޕިޓަލަށް ޒިޔާރަތްކުރަނީ ހާލަތު ބައްލަވާލެއްވުމަށް،" މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާޗްގެ ޑިރެކްޓަރު ޑރ ދިލިޕް މަހައިސޭކަރް އިއްޔެ ނިއުސް އެޖެންސީ ޕީޓީއައި އަށް ވިދާޅުވިއެވެ.

ސަރުކާރުގެ ހޮސްޕިޓަލުގައި މަރުވި މީހުންނާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ އެ ސްޓޭޓުގެ އެކަނަތު ޝިންޑޭގެ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ.