ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިއްޔެ ފެށި އަސްކަރީ އޮޕަރޭޝަނަށް އިރާނުން އެހީތެރިކަން ފޯރުކޮށް ދިން ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ހަމާސްގެ ތަރުޖަމާނު ގާޒީ ހަމަދު ބީބީސީ އަށް ބުނީ ފަލަސްތީންގެ ހަމާސް އިން ހަމަލާތައް ފެށުމަށްޓަކައި އިރާނުން އެހީތެރިވެފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް އިސްރާއީލްގެ ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް މިހާތަނަށް 300 މީހުން މަރާލާއި، 1،000 މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ދެކުނުގެ އަވަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ރަހީނުންގެ ގޮތުގައި ޣައްޒާ އަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި އިސްރާއީލް ސިފައިންނާއި އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ.

އިރާނަކީ ހަމާސްގެ އިތުރުން ފަލަސްތީންގެ އިސްލާމިކް ޖިހާދާއި ލުބުނާންގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އަށް ވެސް އެހީތެރިވާ ބައެކެވެ.

ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން މިއަދު ފެށި އޮޕަރޭޝަނަކީ ފަހުރުވެރިވުން ހައްގު އޮޕަރޭޝަނެއް ކަމަށް ބުނެ އީރާނުން ހަމާސް ޖަމާއަތަށް ވަނީ ތާއީދުކޮށްފިއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. އެގޮތުން އެއް ބަޔަކު ގޮވާ ޒާތުގެ އެއްޗެހިން ހަމަލާ ދިން އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލްގެ ޕޯސްޓުތަކަށް ހަމަލާދީ އެމީހުން ބަލި ކުރިއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ގިނަ އަވަށްތަކެއް މިހާރު އޮތީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައެވެ. އެ ތަންތަނަށް ވެރިވެގަތުމަށް އިސްރާއީލް ސިފައިން ދަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމާސްއިން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މި ހިންގި އަސްކަރީ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "މަސްޖިދުލް އަގްސާ ތޫފާން" މި ނަމެވެ.

"އަހަރުމެން އަލް އަގްސާ ތޫފާން އޮޕަރޭޝަނާ މެދުގައި ފަހުރުވެރިވޭ،" އިރާންގެ ސީނިއާ އެޑްވައިޒަރު ޔަހްޔާ ރަހީމް ސަފާވީ ވިދާޅުވިއެވެ.

އެޑްވައިޒަރުގެ ވާހަކައިގައި ވަނީ ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރާ ހަމާސް ޖަމާއަތާ އެކުގައި ތިބި ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އިރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނަސީރް ކަނާނީ ވެސް ވަނީ ފަލަސްތީންގެ ހަމާސް ޖަމާއަތަށް ތައުރީފްކޮށްފައެވެ. މިހާތަނަށް އައިއިރު، ހަމާސް ޖަމާއަތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް އައިއިރު، މުޖާހިދުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި މި އޮޕަރޭޝަންގައި. މިއީ ފަލަސްތީން ރައްޔިތުންގެ ތާރީހުގައި ވެސް ޔަހޫދީންނާ ދެކޮޅަށް ކުރި މަސައްކަތުން އުޖާލާ ދުވަހެއް." ތަރުޖަމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މެސީ1

    ހުޅަނގުން ޔުކުރެއުންއަށް އެހީތެރިވާ އިރު އަދި އިޒްރޭލަށް އެހީވާއިރު އެއްމުސްލިމަކު އަނެއް މުސްލިމަކަށް އެހީތެރި ވުމަކީ ކުށެއްތޯ

    75
    1
  2. އަބުދުﷲ ސައީދު

    ފަލަސްޠީނުގެ ލޮބުވެރި މުސްލިމު މުޖާހިދުންނަށް ނަސްރުދެއްވާ ، ޝިރުކުވެރި ޔަހޫދީން ބަލިކުރައްވާސި 'އާމީން '

    79
    2
  3. އަޒްރާ

    އަލްޙަމްދުﷲ ހުރިހާ ޙަމްދު ސަނާ އާއި ޝުކުރު ތަޢުރީފެއް ޙައްގު ވެގެންވަނީ މާތްﷲ އަށް ﷲ ގެ ވާގިފުޅާއެކު މިފަހަރު އިޒްރާއީލް ބަލިކުރައްވާށި ފަލަސްތީނުގެ ރައްޔިތުންނަށް ކާމިޔާބާއި ނަސްރު ދެއވާށި އާމީން

    65
  4. ދުނިޔޭގެ ބާރު

    މުސްލިމުންނަށް ހެޔޮ ބަހެއް، ހިތްވަރުގެ ބަހެއް ބުނުމަށް ފަސްޖެހެންޖެހޭ ސަބަބެއްކަމުގައި ދުނިޔޭގެ ބާރުވެރި ގައުމުތައް ދެކޭ ދެކުން ވެގެން ނުވާނެއެވެ.

    43
  5. ޗޫކޮލަންތުރޮސްމީ

    ތީގަ ނެތް އެއްވެސް މައްސަލައެއް ގިނަ ގިނައިން ދޭންވީ

    37
    1
  6. ޗޫކޮލަންތުރޮސްމީ

    ތީގަ ނެތް އެއްވެސް މައްސަލައެއް ގިނަ ގިނައިން ދޭންވީ
    ތީގަ ނެތް އެއްވެސް މައްސަލައެއް ގިނަ ގިނައިން ދޭންވީ
    ތީގަ ނެތް އެއްވެސް މައްސަލައެއް ގިނަ ގިނައިން ދޭންވީ

    31
  7. ޢީރާން

    އެމެރިކާއިން އިޒުރާއިލްއަށް އެހީވާއިރު އީރާނުން ހަމަާސްއަށް އެހީވުމަކީ މައްސަލައެއްތަ؟