ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ދިން ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ 26 މީހަކު މަރާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ކަށަވަރުކޮށްދީފިއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

ފަލަސްތީންގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް އައިއިރު، އިސްރާއީލްގެ ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް 50 މީހަކު ވަނީ ރަހީނުކޮށްފައެވެ. އޭގެ ތެރޭގައި އިސްރާއީލް ސިފައިންގެ އިސް އޮފިސަރުންތަކެއް ހިމެނޭ ކަމަށް އެ މީޑިއާތަކުން ވެސް ބުނެފައިވެއެވެ.

ހަމާސް އިން ވަނީ އިސްރާއީލަށް އަމާޒުކޮށް، 7000 އަށް ވުރެ ގިނަ ރޮކެޓް ހަމަލާތައް ފޮނުވާލައިފައެވެ. އެ ރޮކެޓް ހަމަލާތަކުގައި އިސްރާއީލްގެ 300 މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަނިޔާވި އެންމެންނަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި މިއީ ހަމާސް އިން ތާރީހުގައި ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އޭގެ ނަތީޖާއަކީ އިސްރާއީލްގެ ސިފައިންނާއި އާންމުންގެ ގިނަ ބަޔަކު އަތުލައިގަނެވުމާއި އިސްރާއީލްގެ ޓޭންކާއި އެ ނޫން ވެސް އަސްކަރީ ވެހިކަލްތައް ހަމާސްގެ ހަނގުރާމަވެރިންގެ އަތް ދަށަށް ގެނެވުމެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ އިސްރާއީލު ވަނީ ކުއްލި ހަނގުރާމައެއްގެ ތެރޭގައި ކަމަށް ބުނެފައެވެ. އެއާ އެކު ދެން ފެނިގެން ގޮސްފައި ވަނީ އިސްރާއީލްގެ އަސްކަރީ ޖެޓްތަކާއި ވައިގެ އުޅަނދުތަކުން ޣައްޒާ އަށް ބޮން އަޅަމުން ދިޔަ ތަނެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 256 މީހުން ވަނީ ޝަހީދުވެފައެވެ.

ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. އެގޮތުން އެއް ބަޔަކު ގޮވާ ޒާތުގެ އެއްޗެހިން ހަމަލާ ދިން އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލްގެ ޕޯސްޓުތަކަށް ހަމަލާދީ އެމީހުން ބަލި ކުރިއެވެ. އަދި އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކުގެ އެހީގައި ވަނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ވަދެގަނެ ހަމަލާދީފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ގިނަ އަވަށްތަކެއް މިހާރު އޮތީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައެވެ. ނަމަވެސް އިސްރާއީލު ބުނަނީ ހަމާސް ގެ އަތްދަށަށް ގޮސްފައިވަނީ ބައެއް އަވަށްތައް ކަމަށެވެ.