ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިހާރު އިސްރާއިލާ ދެކޮޅަށް ކުރިއަށްދާ ޖިހާދާއެކު ބޮޑު ކާމިޔާބީއަކާ ދިމާލަށް ދެވެމުންދާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ހަމާސް ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނިއްޔާ ވިދާޅުވީ ބޮޑު ކާމިޔާބީއަކާ ދިމާލަށް ދެވެމުންދާ ކަމަށާއި އަދި ޣައްޒާއިން އިސްރާއިލް ފަތަހަ ކުރުމުގެ ކަންކަން ފެށުނީ ކަމަށެވެ.

އޭނާ ވިދާޅުވީ ހައްދު ފަހަނައަޅާފައިވާ އިސްރާއިލުގެ ކަންކަން މާ މައްޗަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ އިންތިފާދާތައް ކުރިއަށް ގޮސް ފަލަސްތީނުގެ ބިންތައް ފަތަހަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މުސްލިމުންގެ މުގައްދަސް ބިނާ އަލް ގުދުސްގެ ހުރުމަތް ކަނޑައި ދުނިޔެއިން އެކަމާ މެދު އަޅާނުލާ ތިއްބަސް ހަމާސްއިން މަޑުން ނުތިބޭނެކަން ހަނިއްޔާ ތަކުރާރު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ހަމާސްއިން ދޭން ފެށި ކުއްލި ހަމަލާތަކާއެކު ފަލަސްތީނުގެ އެހެން ސަރަހައްދުތަކުން ވެސް މުޖާހިދުންގެ ގުރޫޕްތައް އިސްރާއިލާ ދެކޮޅަށް ތެދުވާނެ ކަމަށެވެ. އަދި ފަލަސްތީނުގެ އެންމެން ތެދުވުމަށް އޭނާ ގޮވާލެއްވިއެވެ.

އިސްރާއިލާ އަރަބި ގައުމުތަކުން ގުޅުން ބަދަހިކުރަމުންދާ އިރެ އޭގެން ފަލަސްތީނުގެ މައްސަލަ ހައްލު ނުވާނެކަމަށް ހަނިއްޔާ ވިދާޅުވިއެވެ.

ހަމާސްއިން މިހާރު ދޭން ފަށައިފައިވާ ހަމަލާތަކުގައި އިސްރާއިލުގެ 300 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އަދި 7000 އަށް ވުރެ ގިނަ ރޮކެޓް ވަނީ އިސްރާއިލަށް ފޮނުވާލައި މިއިން ޒަމާނަކުވެސް ނުދޭ ވަރުގެ ހަމަލާތައް ދީފައެވެ.

އެ ހަމަލާތަކާ ގުޅިގެން އިސްރާއިލަށް ޝޮކެއް ލިބިފައިވާ އިރު ގައްޒާ ފުނޑާލާނެކަމުގެ އިންޒާރު އިސްރާއިލުން މިހާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާން

    މި ކަން ކާމިޔާބު ކުރެވިދާނެ ސައުދީއާއި އަދި ޔޫއޭއީ އަދި އީރާން އެއްގަލަކަށް އަރައި ލުބުނާނާއި އެކު އިޒުރޭލާއި ދެކޮޅަށް ނިކުތުމުން. އެކަމަކު ދާދި ފަހުން ސައުދީއިންވަނީ އިޒްރޭލާއިއެކު އާދައިގެ ގުޅުން ބޭއްވުމަށް ނިންމާފައި.