ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލްގެ 100 މީހަކު ހައްޔަރުކޮށްފިއެވެ.

ހަމާސްއިން އިސްރާއީލަށް އިއްޔެ ހެނދުނު ހަމަލާތަކެއް ދޭން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް މީހުންނަށް ދިން ހަމަލާތަކަށް ރައްދު ނުދީ ތިބެފައެވެ. ހަމާސްއިން ހަމަލާތައް ފަށައިގަތްތާ މާ ގިނަ އިރުތަކެއް ނުވަނީސް އެޖަމާއަތުން ވަނީ އިސްރާއީލަށް 7000 ރޮކެޓް ހަމަލާތައް ފޮނުވާލާފައެވެ.

މި ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ ބޮޑު ބަޔަކަށް ވަނީ ގެއްލުން ވެފައެވެ. އަދި ގިނަ އިމާރާތްތަކާއި އަސްކަރީ އުޅަނދުތައް ސުންނާފަތިވެފައިވާއިރު، އެގައުމުގެ 300 މީހަކު މަރާލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ހަމާސް ޖަމާއަތަށް ލިބޭ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އިސްރާއީލް ސިފައިން ގެންގުޅުނު ޓޭންކުތަކާއި ހަނގުރާމަ މަތީ ވެހިކަލްތައް އަތުލައިގަނެވުމެވެ. އަދި އިސްރާއީލް ސިފައިންނާއި އާންމުން ވެސް ރަހީނުކޮށްގެން ޣައްޒާއަށް ގެންގޮސްފައިވެއެވެ.

އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ އިސްރާއީލްގެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވީ ނަމަވެސް ސީދާ ރަސްމީ ނަންބަރެއް އެނގިފައި ނުވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު 100 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

އެތަނުން ބުނި ގޮތުގައި އެމީހުންގެ ތެރޭގައި އިސްރާއީލް ސިފައިންނާއި އާންމުން ވެސް ހިމެނެއެވެ.

ހަމާސްގެ ހަމަލާތަކުގައި އިސްރާއީލްގެ 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 1،800 މީހުން ވަނީ ޒަހަމްވެފައެވެ.