އިސްރާއީލުން ފަލަސްތީނުގެ ޚާން ޔޫނިސްގައި ހުންނަ މިސްކިތެއް ބިމާ ހަމަކޮށްލައިފިއެވެ.

އެ މިސްކިތް ބިމާ ހަމަކޮށްލިކަން ފަލަސްތީނުގެ ގުދުސް ނިއުސް ނެޓްވޯކުން ވަނީ ޔަގީންކޮށްދީފައެވެ. އެ ނިއުސް ނެޓްވޯކުން ބުނީ އެ މިސްކިތް ބިމާ ހަމަކޮށްލީ އިސްރާއިލުން ރޭ ދިން ދިން ވައިގެ ހަމަލާތަކުގައި ކަމަށެވެ

ގުދުސް ނިއުސްއިން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިސްކިތުގެ ގުއްބުވެސް އޮތީ ވެއްޓިފައެވެ. އަދި މިސްކިތުން ވެއްޓިފައިވާ ފާރުތަކުގެ ދަށުން މީހުން ހަތިމު ފަދަ އެއްޗެހި ނަގާތަން ވަނީ ފެނިފައެވެ.

އިސްރާއީލުން މިހާތަނަށް އައިއިރު ތިން މިސްކިތެއް ވަނީ ފުނޑުފުނޑުކޮށްލައިފައެވެ.

އިސްރާއިލުން ބުނާގޮތުގައި އެ މިސްކިތްތަކަކީ ޣައްޒާގެ ހަމާސް ޖަމާއަތުން ހަމަލާތައް ދިނުމަށް ބޭނުން ކުރަމުންދާ ނިވާފަތް ގަނޑެކެވެ.

ހަމާސްއިން މިހާރު ދޭން ފަށައިފައިވާ ހަމަލާތަކުގައި އިސްރާއިލުގެ 300 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އަދި 7000 އަށް ވުރެ ގިނަ ރޮކެޓް ވަނީ އިސްރާއިލަށް ފޮނުވާލައި މިއިން ޒަމާނަކުވެސް ނުދޭ ވަރުގެ ހަމަލާތައް ދީފައެވެ.

އެ ހަމަލާތަކާ ގުޅިގެން އިސްރާއިލަށް ޝޮކެއް ލިބިފައިވާ އިރު ޣައްޒާ ފުނޑާލާނެކަމުގެ އިންޒާރު އިސްރާއިލުން މިހާރު ވަނީ ދީފައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފައިވާ ގޮތުގައި އިސްރާއިލުގެ އަނިޔާވެރިކަމަށް ރުހިގެން މަޑުން ދެން ނުތިބެވޭނެއެވެ. މިއީ ޣައްޒާއިން މި ފާއުތިވި އަހަރުތަކުގައި ރައްދުގައި އިސްރާއިލަށް ދޭން ފެށި އެންމެ ވަރުގަދަ ހަމަލާތެކެވެ.