ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އައިއިރު ޣައްޒާ އިން 313 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހަމާސްއިން ބުނެފައިވާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރު ކުރަމުންދާތީއެވެ.

ހަމަލާތައް ބަދަލު ކުރަން ފެށިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަމާސްއިން ވަނީ އިސްރާއީލަށް 7000 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައެވެ. އެ ހަމަލާތައް އަމާޒު ކޮށްފައިވަނީ އިސްރާއީލުގެ މެދުގެ ސަރަހައްދުތަކަށާއި އުތުރުގެ ސަރަހައްދުތަކަށެވެ.

މި ހަމަލާތައް ދޭން ފެށުމާއި އެކީ އިސްރާއީލުން ވެސް ވަނީ ހަމަލާތައް ފޮނުވާފައެވެ. ކަނޑާއި އެއްގަމާއި ވައިގެ މަގުން ދެމުން އަންނަ މި ހަމަލާގައި ފަލަސްތީނުގެ ގިނަ މީހަކު ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 2،000 އަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.