އަފްގާނިސްތާނަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އަށް އަރައިފިއެވެ.

ތޯލިބާނުންގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަފްގާނިސްތާނުގެ ހުޅަނގުގެ ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 2000 އަށް އަރާފައިވާ ކަމަށެވެ. އަދި އެ އަދަދު އިތުރުމުން އެކަށީގެންވާ ކަމަށް ތޯލިބާނުން ބުނާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ބިން ހެލުމުގެ ސަބަބުން އެތައް ބަޔަކު ގެއްލިފައިވާ ކަމަށާއި އެކި ސަރަހައްދުތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ތޯލިބާނުން ކުރަމުންދާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ކާރިސާގެ ސަބަބުން ގެއްލުވެފައިވާ ސަރަހައްދުތަކުގައި ޓެންޓުތައް ގާއިމް ކުރުމަށާއި ސިއްހީ ފަރުވާ އަދި ކާބޯތަކެތި ބޭނުންވާ ކަމަށް ވެސް ތޯލިބާނުން ބުނެފައިވާ ކަމަށެވެ. އެކަމަށް އެހީތެރިވެދުމަށް ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާތަކުގެ ކިބައިން ތޯލިބާނުން އެދޭ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ ބިންހެލުންތައް ރިކޯޑް ކުރާ ގައުމީ އިދާރާއިން އިއްޔެ ބުނީ، އަފްޣާނިސްތާނަށް ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.1 ބާރުމިނުގައި ކަމަށެވެ. އަދި އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 21 ކިލޯ މީޓަރު އަޑިން ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

އަފްގާސިންތާނަށް އިއްޔެ އައިސްފައިވާ ބިންހެލުމަކީ މި ފަހުގެ ތާރީހުގައި އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުން ކަމަށް އެތާއި ވެރިކަންކުރާ ތޯލިބާނުން ވަނީ ބުނެފައެވެ.