ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އިތުރު މުޖާހިދުންތަކެއް އިސްރާއީލަށް ވަދެ، އިތުރު ހަމަލާތައް ދޭން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހަމާސް ޖަމާއަތުގެ މީހުން އިއްޔެ ހެނދުނު ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. އޭގެ ފަހުން އިސްރާއީލުގެ ސިފައިން ތިބޭ ބައެއް ސަރަހައްދުތަކަށް ހަމަލާދިނުމަށްފަހު، އެސަރަހައްދުތަކަށް ވެސް ވަނީ ވަދެފައެވެ.

އިސްރާއީލުގެ ގިނަ ސަރަހައްދުތަކަށް ޣައްޒާގެ މީހުން ވަންނަމުން އަންނައިރު، މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން އެ ޖަމާއަތުގެ މީހުން ވަނީ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ އަޝްޑޮޑްއަށް ވަންނަން މަސައްކަތް ކޮށްފައެވެ.

އެމީހުން އެސިޓީއަށް ވަންނަން މަސައްކަތް ކުރި ވަގުތު އިސްރާއީލުގެ ހަނގުރާމަވެރިންނާއި ދިމާވެ ވަނީ ހަމަލާ ބަދަލު ކުރުންތަކެއް ދީފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލިފް

    ﷲ އަކްބަރު

    21
    • ޖަމާލުދީން ކެޑޭޓް ޖުނިއާ

      ﷲއަކުބަރު

  2. ނަބާ

    ޔާ ﷲ އިޒްރޭލުގެ މައްޗަށް ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރު ދެއްވާންދޭވެ !! އާމީން

  3. ސަމް

    ﷲ އަކުބަރު ﷲ އަކުބަރު