މިސްރުގެ ފުލުހުން، އިސްރާއީލްގެ ދެ ފަތުރުވެރިންނަށް ހަމަލާދީ މަރާލައިފިއެވެ.

ޓައިމްސް އޮފް އިސްރާއީލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްރުގެ ފުލުހަކު އިސްރާއީލްގެ ދެ ފަތުރުވެރިންނަށް ހަމަލާދީފައިވަނީ މެޑިޓެރޭނިއަން ސިޓީ އޮފް އެލެކްސްސެންޓްރާގައެވެ. ބަޑި ޖަހައި އިސްރާއީލްގެ ދެ ފަތުރުވެރިންނާއި މިސްރުގެ މީހަކު ވެސް މަރާލާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އަދި އެ ސިޓީގެ ޕްމްޕޭ ޕިލާ ސައިޓްގައި ވެސް މިސްރުގެ ފުލުހުން ބަޔަކަށް ހަމަލާދީފައިވާ ކަމަށެވެ. އެ ހަމަލާގައި މީހަކު ޒަހަމްވެފައިވާ ކަމަށާއި އެ މީހާ ވަނީ މިސްރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ ނޫހުން ބުނެއެވެ.

ފަލަސްދީނާއި އިސްރާއީލާއި ދެމެދުގައި ވަރުގަދަ ހަމަލާތަކެއް އިއްޔެ ހެނދުނުން ފެށިގެން ދަނީ ދެމުންނެވެ. ހަމާސް ޖަމާއަތުގެ މީހުން އިއްޔެ ހެނދުނު ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. އޭގެ ފަހުން އިސްރާއީލުގެ ސިފައިން ތިބޭ ބައެއް ސަރަހައްދުތަކަށް ހަމަލާދިނުމަށްފަހު، އެސަރަހައްދުތަކަށް ވެސް ވަނީ ވަދެފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.