ފަލަސްތީނުގެ ޣައްޒާ އާއި ޔަހޫދީ ދައުލަތާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި މަރުވި ޔަހޫދީންގެ އަދަދު 900 އަށް އަރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި މި ހަނގުރާމައިގައި މިހާތަނަށް އައިއިރު، އިސްރާއީލްގެ 900 އަށް ވުރެ ގިނަ މީހުން މަރާލިއިރު، 2000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

މި ހަނގުރާމަ ފެށީ ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުންނެވެ. ޔަހޫދީންނާއި ދެކޮޅަށް ކުއްލިއަކަށް ފެށި މި ހަނގުރާމައިގައި އިސްރާއީލުން ވެސް އަންނަނީ ރައްދު ހަމަލާތައް ދެމުންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ގިނަ އަވަށްތަކެއް މިހާރު އޮތީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައެވެ. ނަމަވެސް އިސްރާއީލު ބުނަނީ ހަމާސް ގެ އަތްދަށަށް ގޮސްފައިވަނީ ބައެއް އަވަށްތައް ކަމަށެވެ.