ޔަހޫދީ ދައުލަތުގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އައިއިރު ފަލަސްތީނުގެ 1،350 މީހަކު ޝަހީދުވެއްޖެއެވެ.

ޣައްޒާ އާއި ޔަހޫދިންނާއި ދެމެދު ހަނގުރާމަ ކުރަމުންދާތާ މިހާރު ހަފްތާއެއް ވާން ވަނީ ކައިރިވެފައެވެ. މި ހަނގުރާމަައިގައި ޣައްޒާގެ އެތައް އިމާރާތެއް ބިމާ ހަމަވެފައިވާއިރު، އެތައް ބަޔަކު ތިބީ ހާލުގައި ޖެހިފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވިދާޅުވީ ޔަހޫދީން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 1،350 އަށް އަރާފައިވާ ކަމަށެވެ.

ޣައްޒާގައި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6،049 އަށް އަރާފައެވެ.

ހަމާސްގެ މުޖާހިދުން މިދިޔަ ހޮނިހިރު ދުވަހު ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ.

އެގޮތުން އެއް ބަޔަކު ގޮވާ ޒާތުގެ އެއްޗެހިން ހަމަލާ ދިން އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލްގެ ޕޯސްޓުތަކަށް ހަމަލާދީ އެމީހުން ބަލި ކުރިއެވެ. އަދި އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކުގެ އެހީގައި ވަނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ވަދެގަނެ ހަމަލާދީފައެވެ.