ޣައްޒާގެ އުތުރުގައި ތިބި ހުރިހާ ރައްޔިތުން ދެކުނުގެ ސަރަހައްދުތަކަށް ބަދަލުކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިންޒާރު ދީފިއެވެ.

ޣައްޒާގެ މެދެއްހާ ހިސާބުގައި އޮންނަ ވަދީ ޣައްޒާގެ އުތުރުގައި ތިބި ޣައްޒާގެ ހުރިހާ ރައްޔިތުން ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައި ދެކުނުގެ ސަރަހައްދުތަކަށް ބަދަލު ކުރުމަށް އިސްެރާއީލުގެ އަސްކަރިއްޔާއިން އދ. އަށް ވަނީ އިންޒާރު ދީފައެވެ.

އދ ގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުން ދިރިއުޅެއެވެ. އެއީ ގާތްގަނޑަކަށް ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. އަދި އެ އިންޒާރު އަނބުރާ ގެންދިއުމަށްވެސް އދ އިން އެދިފައިވާނެ ކަމަށްވެސް ތަރުޖަމާނު ބުނެފައި ވެއެވެ.

"އދ އިން ގަބޫލު ކުރާ ގޮތުގައި މިހާރު އޮތް ހާލަތުގައި، އެހާ ގިނަ މީހުން ބަދަލުކުރުމަކީ ވާނޭ ކަމެއް ނޫން." އދ ގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ބުނެފައިވެއެވެ. ޑުޖަރިކް އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ މި އެދުމުގެ ސަބަބުން މިހާރު އޮތް ހިތާމަވެރި ހާލަތު އެއަށްވުރެ ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

އިސްރާއީލުގެ މި އިންޒާރުގައި އދ ގެ ހުރިހާ ސްޓާފުންނާއި، ސްކޫލުތަކާއި، ސިއްހީ ފަރުވާދޭ ތަންތަން ފަދަ އދ ގެ ހިޔާތަކާއި ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި ތިބި ހުރިހާ އެންމެންވެސް ޝާމިލު ވާ ކަމުގައި ޑުޖަރިކު ބުނެފައި ވެއެވެ.

ޣައްޒާގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކަމަށްވާ ޣައްޒާ ސިޓީއާއި، ޖަބާލިއާ ރެފިއުޖީ ކޭމްޕާއި، ބައިތު ލާހިޔާ އަދި ބައިތު ހަނޫން ވެސް އޮންނަނީ އުތުރުގައެވެ.

އިސްރާއީލުން މިފަދަ އިންޒާރެއް ދީފައިވާއިރު، އެއްގަމު މަގުން ޣައްޒާއަށް އެރުމަށްޓަކައި އިސްރާއީލުން ވަނީ ޣައްޒާގެ ވަށައިގެންވާ ސަރަހައްދުތަކަށް އެތައް ހާސް ސިފައިންނާއި ހަތިޔާރު ފޮނުވާފައެވެ. ނަމަވެސް އަދި މިހާތަނަށް އެމީހުން ޣައްޒާއަށް ބޮން އަޅަމުން ދަނީ ވައިގެ މަގުންނެވެ. މި އިންޒާރުގެ ސަބަބުން އިސްރާއީލުން ވަރަށް އަވަހަށް ޣައްޒާއަށް އެރުމަށް މަސައްކަތް ކުރާނެ ކަމުގެ ބިރު އެބަ އޮތެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 1500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 6000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީ

    ދެން އދ އަކީ ކީއްކުރަން އޮންނަ ކޮންބޭނުމަކު އުފަެްދާފައި އޮންނަ ތަނެއް.

  2. ކަށިކެޔޮ އާދަނު

    ކަލޭމެންގެއަތުން ކުއްޔަށްނަގައިގެން އުޅޭބިމަކީތަ ހުސްކުރަން އިންޒާރުތިދެނީ؟ ކަލޭމެނެއްނޫންތަ ތިތަންދޫކޮށްފަދާންޖެހެނީ؟