އެއްހާހަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންގެ ހަށިގަނޑުތައް އަދިވެސް ވީ އިސްރާއީލުން ޣައްޒާއަަށް ދެމުން ގެންދާ ހަމަލާތަކުގައި ބިމާއި ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށް ހަމާސްގެ އިންޓީރިއަރ މިނިސްޓްރީން ބުނެފިއެވެ.

އެތައް ބައެއްގެ ހަށިގަނޑުތައް އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވުމުގެ ސަބަބުން އިންސާނީ އަދި ތިމާވެށީގެ ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރުވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި، ހަމާސްގެ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު އިޔާދު އަލް ބުޒުމް ވަނީ ޝަހީދުވެފައިވާ މީހުންގެ ކުނިވަމުންދާ ހަށިގަނޑުތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިޔާދު މިހެން ވިދާޅުވެފައިވާއިރު، އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި އަދިވެސް 1000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުން އިއްޔެ ވަނީ ބުނެފައެވެ. އެ ޓީމުން ބުނެފައިވަނީ އިމާރާތްތައް ބިމާއި ހަމަކޮށްލިތާ 24 ގަޑިއިރު ފަހުންވެސް އިމާރާތްތަކުގެ ދަށުން ދިރިތިއްބާ ގިނަ ބަޔަކު ސަލާމަތްވެސް ކޮށްފައިވާ ކަމަށެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު އިސްރާއީލުން ދަނީ މެދުނުކެނޑި ޣައްޒާއަށް ބޮން އަޅަމުންނެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު ވަނީ 2750 އަށް އަރާފައެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ 9700 އަށް އަރާފައެވެ.

ހުކުރު ދުވަހުގެ ހެނދުނު އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ އެންމެން އެހިސާބުން ފައިބާ ދެކުނަށް ދިއުމަށް އަންގާފައެވެ. އެ ސަރަހައްދުގައި ގާތްގަނޑަކަށް 1.1 މިލިއަން ދިރިއުޅޭ އިރު އެއީ ޣައްޒާގެ އާބަދީގެ ދެބައިކުޅަ އެއްބައެވެ.

އުތުރުގެ ރައްޔިތުން ދެކުނަށް ދިއުމަށް އިސްރާއީލުން އަންގާފައި ވީނަމަވެސް ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އަށާއި، ދެކުނުގެ އެކި ހިސާބުތަކަށްވެސް އިސްރާއީލުން ދަނީ މެދު ނުކެނޑި ހަމަލާ ދެމުންނެވެ.

އޭގެ އިތުރުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ތެލާއި، ސިއްހީ ވަސީލަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ނުލިބޭނެހެން އެއްކޮށް ބަންދުކޮށްލާފައެވެ.