އިސްރާއީލުގެ އަސްކަރީ ކުޅަދާނަކަން ޓެސްޓު ކުރަން އުޅުމަކީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ޣައިރު ޤާނޫނީ ޔަހޫދީ ދައުލަތުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނެފިއެވެ

އިސްރާއީލުން ވަނީ ލުބުނާނުގެ ސަރަހައްދީ އިމުގެ ކައިރީގައި ޔަހޫދީން ދިރިއުޅޭ 28 ސަރަހައްދަކުން އެހެން ހިސާބުތަކަށް މީހުން ބަދަލު ކޮށްފައެވެ.

މިކަމާއި ގުޅެގޮތުން ޔަހޫދީ ދައުލަތުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހެގާރީ ބުނީ މިއީ ހިޒްބުﷲ އިން އިސްރާއީލުގެ ޔަހޫދީ ދައުލަތާއި ދެ ކޮޅަށް ދީފާނެ ހަމަލާ އަކުން އާންމުން ރައްކާތެރި ކުރުމަށް އެޅި ފިޔަވަޅެއް ކަމުގައެވެ. އަދި އެ ސަރަހައްދުން އާންމުން ބޭލުމުން ޔަހޫދީ ސިފައިންނަށް ހަނގުރާމަ ކުރުމުގައި ފަސޭހަ ވާނެ ކަމަށާއި ހަމަލާ ދިނުމުގައި ބޮޑު މިނިވަންކަމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ ހިރާސް ނުނަގާނެ ކަމަށާއި ހާލަތު ވަރަށް ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކުރާނެ ކަމަށެވެ.

ޔަހޫދީ ދައުލަތުގެ އަސްކަރިއްޔާ ޓެސްޓު ކުރަން ހިޒްބުﷲ އިން މަސައްކަތް ކޮށްފިނަމަ އޭގެ ބަދަލުގައި މުޅި ހިޒްބުﷲ ފަނާ ކޮށްލާނެ ކަމުގެ އިންޒާރުވެސް ޔަހޫދީ ދައުލަތުގެ ތަރުޖަމާނު ވަނީ ދީފައެވެ. ޔަހޫދީ ދައުލަތާއި ހިޒްބުﷲ ވަނީ މީގެ ކުރިން ވެސް ހަނގުރާމަ ކޮށްފައެވެ. އެ ފަހަރުވެސް ޔަހޫދީން ބުނީ ހިޒްބުﷲ ފަނާކޮށް, ނެތި ކޮށްލާނެ ކަމަށެވެ. ނަމަވެސް އެ ފަހަރު ވެސް ޔަހޫދީންނަށް ކާމިޔާބު ލިބެން ނެތުމުން ޖެހުނީ ސުލްހަވެ ހަނގުރާމަ ހުއްޓާލާށެވެ.

ފާއިތުވި ހަފްތާގެ ތެރޭގައިވެސް ހިޒްބުﷲ އާއި ޔަހޫދީ ދައުލަތާއި މެދު ވަނީ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ.

އަސްކަރީ މުފައްކިރުން ވިދާޅުވާ ގޮތުގައި އިސްރާއީލުން ހިޒްބުﷲ އަށް އެއްގަމު މަގުން ހަމަލާދިނުން ވާނީ އިސްރާއީލަށް ހެދޭ ގޯހަކަށެވެ. އެއީ ކުލޯސް ކޮމްބެޓް ހަނގުރާމައިގައި އިސްރާއީލަށް ހިޒްބުﷲގެ މައްޗަށް ކާމިޔާބު ނުހޯދޭނެތީއެވެ. އެއީ ގޮރިއްލާ ހަނގުރާމައިގެ އުކުޅުތަކާއި ތަޖުރިބާ އިސްރާއީލަށް ވުރެ ބޮޑަށް ހިޒްބުﷲ ގެ މުޖާހިދުންގެ ހުންނާނެތީއެވެ. އިސްރާއީލަކީ އެމެރިކާ ފަރާތުން ސަލާން ޖަހައިގެން ލިބޭ ހަތިޔާރުގެ އެހީގައި ހަނގުރާމަ ކުރާ ފިނޑި ދައުލަތެކެވެ. ނަމަވެސް ހިޒްބުﷲ އަކީ އަމިއްލަ އަށް ވެސް ހަތިޔާރު އުފައްދައިގެން އަމިއްލަ ހިތްވަރުން ދީނަށާއި ވަތަނަށްޓަކައި ޖިހާދުކުރާ ހިތްވަރުގަދަ ފަހުލަވާނުންތަކެއް އެކުލެވޭ ޖަމާއަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޝްރަފް

    ޔާﷲ. މި ޔަހޫދީ އިސްރާއީލުގެ ވެރީންނަށް ބޮޑުވެގެންވާ ކޯފާއެއް މިންވަރު ކުރައްވާ ހިތި ނިމުމެއް ގެންނަވާ ފާނދޭވެ.

    21
    1
  2. ޒަރީނާ

    އެބިރުގަތީ ފިނޑިވެސްބައެއް

    10